މަސްވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭންޖެހޭ: މެންބަރު އިއްބެ
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން، ދުނިޔޭގެ ފެންވަރުގައި މަގުބޫލު "ބިގް ގޭމް ފިޝިންގ" ރާއްޖޭގައި ފުޅާކޮށް، އެކަމަށް ބޭނުންވާ ލޯނުގެ އެހީ ޒުވާނުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު މަޖިލީހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
މި ބަހުސްގައި ވާހަކަދައްކަވަމުން އިއްބެ ފާހަގަކުރެއްވި ގޮތުގައި، ބިގް ގޭމް ފިޝިންގ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އެންމެ ބޮޑު ނަފާއެއް ލިބޭ އެއް މަޝްރޫއެއްކަމަށް ވާއިރު، ރާއްޖޭގައި މިކަން އެދެވޭ ގޮތެއްގައި ފުޅާވެފައި ނުވާ ކަމަށެވެ. އަދި މި އިންޑަސްޓްރީ ކުރިއެރުވުމަށް ޒުވާނުންނަށް މިހާރު ފުރުސަތުތައް ފަހިވެފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޒުވާނުންނަށް މިކަމުގެ ތެރެއަށް ވަނުމަށް ލޯނުގެ ފުރުސަތުތައް ފަހިކޮށްދީ، ކަނޑުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތް ބައްޓަންކުރަންޖެހޭ،" އިއްބެ ވިދާޅުވިއެވެ.
މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، ޒުވާނުންނަށް ލޯނު ދޫކޮށް، ރާއްޖޭގެ ބިގް ގޭމް ފިޝިންގ މާކެޓް ކުރެވިއްޖެނަމަ، މިއީ ރާއްޖޭގައި އުފެއްދިދާނެ ވަރަށް ބޮޑު އިންޑަސްޓްރީއެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވެފައި، ކަޅުބިލަމަހާއި ބޮޑުކަންނެލީގެ މަސްވެރިކަން އޮތް ގައުމެއްކަމަށް ވެފައި، މިފަދަ އައު ދާއިރާއަކުން ކުރިއަރައިގެން ދިއުމުގެ ފުރުސަތުތައް ފަހި ކޮށްދިނުން މުހިއްމު ކަަމަށެވެ. މީގެ އިތުރުން، ރާއްޖޭގައި ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެން ސިނާއަތްތައްވެސް ފުޅާކުރުމުގެ މުހިއްމުކަމަށް މެންބަރު އިއްބެގެ ވާހަކަފުޅުގައި ފާހަގަކޮށްފައި ވެއެވެ.
ރިއެކްޝަންސް

