ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ސިނާން

ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ސިނާން

6 hours ago - 00:30

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.


ސިނާން މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު އިޢުލާން ކުރުމުން، ޕީއެންސީގެ ޓިކެޓް ހޯއްދެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި މުއްދަތުގައި މަސައްކަތް ކުރައްވާފައިވާނީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއެކު ކަމަށާއި، މިފަހަރުވެސް ޕާޓީގެ މެންބަރުންގެ ތާއީދު އޭނާއަށް އޮތްކަން ޔަގީންވާ ކަމަށެވެ.


ޕީއެންސީގެ ޕްރައިމަރީގައި ސިނާންއާ ދެން ވާދަކުރައްވަނީ އަޙުމަދު ސައީދެވެ. ސައީދަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ މޫލެކެޑެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ބޭފުޅެކެވެ.


ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓު މާދަމާ އެ ޕާޓީގެ ވެބްސައިޓް (www.pnc.mv) ގައި އާންމުކުރާނެ ކަމަށް ޕީއެންސީން ބުނެއެވެ.


މި ދާއިރާއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ މޭޔަރުކަން 10 އަހަރު ދުވަހު ކުރެއްވި އަބްދުﷲ ޞާދިޤް (ސޯބެ) އެވެ. އެމްޑީޕީގެ ޓިކެޓަށް ސޯބެ އެކަނި ކުރިމަތިލެއްވުމުން، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ. ސޯބެއަކީ ކުރީގެ ސަރުކާރުގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މި އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މަޖިލީހުގެ ތާއީދު އިތުރުކުރުމަށް ޕީއެންސީން ވަރަށް ބޮޑު އިސްކަމެއްދޭ އިންތިޚާބެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow