ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "އެމްފެޓަމިން" އެވެ. މި ތަކެތީގެ ބަރުދަނުގައި ކިލޯއަކަށްވުރެ ގިނަ ހުރިއިރު، މީގެ މަގުމަތީ އަގު 3.3 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަންއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެއްކަން ފާހަގަކުރެވެއެވެ.
މަސްތުވާތަކެތީގެ އިތުރުން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރާ ތަކެތި ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން ފާއިތުވި ދޮޅު މަސްދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން 7,000 އަށްވުރެ ގިނަ ވޭޕް ސްޓިކާއި، ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ 2 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މުދާ ޗެކްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބޭރުގެ ޤައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ފަރާތްތައް ހުއްޓުވުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް





