ބަހުސްކުރާނެ މެމްބަރަކު ނެތި ޖަލްސާ ކުރުކޮށްލައިފި
ވޯޓަށް އަހަން ޖަލްސާ 11 ޖަހާއިރު ފަށާނެ
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ދެ ރިޕޯރޓަށްވެސް ބަހުސް ކުރައްވާނެ މެމްބަރަކު ނެތި ޖަލްސާ ކުރުކޮށްލައިފި އެވެ.
މިއަދުގެ ޖަލްސާއަށް އެންމެ ފުރަތަމަ އެޖެންޑާ ކޮށްފައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް, އުމުރާނީ ގެދޮރުވެރިކަމާއި ބިނާރާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ހައިދާރާ ސުވާލުކުރެއްވުމެވެ. ނަމަވެސް އާއިލީ ކަމަކާ ގުޅިގެން މިނިސްޓަރ މަޖިލިހަށް ވަޑައި ނުގަންނަވައެވެ. އެހެންކަމުން އެކަން އެހެން ދުވަހަކަށް ތާވަލް ކުރަން ރިޔާސަތުން ނިންމެވިއެވެ. ޖަލްސާގައި ދެން އޮތީ މާލިއްޔަތު ކޮމިޓީން ނިންމި ދެ ރިޕޯޓެއް މަޖިލިހަށް ހުށަހެޅުމެވެ. އެކޮމިޓީގެ މުގައްރިރު ވަކިވަކިން ކޮމިޓީއަށް ހުށަހެޅުއްވީ 2016-2020 ވަނަ އަހަރުގެ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ އޮޑިޓް ރިޕޯޓެވެ. ދެން ހުށަހެޅުއްވީ 2014-2023 އަށް ފެމިލީ ޕްރޮޓަކްޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯރޓެވެ. އެ ދެރިޕޯޓަށްވެސް ބަހުސް ކުރައްވާނެ މެމްބަރަކު ނުވިއެވެ. ޖަލްސާގައި 50 މެމްބަރުން ވަޑައިގެން ތިއްބެވިއެވެ. މިއަދުގެ އެޖެންޑާގައި ދެން އޮތީ ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުމެވެ. އެކަން ރިޔާސަތުން ތާވަލް ކުރެއްވީ 11:00 އަށެވެ. އެކަމަކު ޢާއްމުކޮށް ވޯޓަށް އެހުން އޮންނަނީ 1:30 ގައެވެ.
ޖަލްސާ އަލުން ފަށާނީ 11:00 ގައެވެ.
ރިއެކްޝަންސް