ނާޒިމް ވަކިކުރުމުގެ ޖަލްސާ އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މިދިޔަ ހަފުތާގެ ބަންދުގެ ކުރިން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި ސިޓީގައިވާ ގޮތުން، އާދިއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮންނާނީ ހަމައެކަނި ނާޒިމް ވަކިކުރުމުގެ މައްސަލައެވެ. މި މަހުގެ 14 ވަނަ ދުވަހު ނާޒިމަށް ފޮނުވި 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާއިރު، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި މިފަދަ ގަރާރަކަށް ގޮތެއް ނިންމަން ޖަލްސާއެއް ބާއްވަންޖެހެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، ނާޒިމަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ނިންމައި އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ގައެވެ. މި މައްސަލަ އަވަސްކުރުމުގެ ބޭނުމުގައި، މި މަހުގެ 15 އަށް ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ ދައުރު ވަނީ މި މަހުގެ ނިޔަލަށް ދިގުދަންމާލާފައެވެ.
ނާޒިމްގެ މައްޗަށް ހުށަހަޅާފައިވާ ގަރާރުގައި ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލިސް ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކޮށްދިނުމުގައި އިހުމާލުވެ، ގާނޫނުއަސާސީން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މި މައްސަލައިގެ ބަހުސަށް ޖުމްލަ އެއް ގަޑިއިރު ދިނުމަށެވެ. އެގޮތުން، ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓުގެ ވަގުތެއް ދީފައިވާއިރު، މެންބަރުން ބަހުސްކުރެއްވުމަށް 50 މިނެޓު ވަނީ ކަނޑައަޅާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންމާފުޅުގެ ފަރާތުން އެމަނިކުފާނާ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހެޅި ދުވަހު، ޕީއެންސީގެ މެންބަރުންގެ ވަޓްސްއެޕް ގްރޫޕުންވެސް އޭނާ ވަނީ ބޭރުކޮށްލާފައެވެ. ނާޒިމް މިވަގުތު މެލޭޝިއާގައި ހުންނެވުމާއެކު، އާދިއްތަ ދުވަހުގެ ޖަލްސާއަށް އޭނާ ވަޑައިގަންނަވާނެ ކަމެއް އަދި ސާފެއް ނުވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ނައިބު ރައީސް މަގާމުން ވަކިވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ގަރާރު ފާސްވުމުންނެވެ. އާދިއްތަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރިއެކްޝަންސް

