އޮޓޮޕްސީ ރިޕޯޓު: ޑައިވަރުން މަރުވީ އޮކްސިޖަން ހުސްވުމުގެ ސަބަބުން ކަން ހާމަވެއްޖެ

އޮޓޮޕްސީ ރިޕޯޓު: ޑައިވަރުން މަރުވީ އޮކްސިޖަން ހުސްވުމުގެ ސަބަބުން ކަން ހާމަވެއްޖެ

1 hour ago - 19:01
Advertisement
Advertisement

ވ. އަތޮޅު އަލިމަތާ ކޭވްއަށް (ހޮހަޅައަށް) ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ވަގުތީ ނަތީޖާ ލިބިއްޖެއެވެ.


އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެ ޑައިވަރުން މަރުވި ސަބަބެއް ކަމަށް ވަގުތީ ގޮތުން ބެލެވެނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބިގެންނެވެ. މި ހާދިސާގެ ފުރިހަމަ ފޮރެންސިކް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.


މި ހިތާމަވެރި ހާދިސާގެ ތަހުގީގު ދިވެހިރާއްޖެއާއި އިޓަލީ ސަރުކާރު ގުޅިގެން ކުރިއަށްގެންދާއިރު، އެ މީހުން ޑައިވިނަށް ދިޔައިރު ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފްޓޭޖްތައް މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. މި ފްޓޭޖްތަކުން ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ސާފުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.


މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލްއެވެ. މި ދެމަފިރިންގެ ހަށިގަނޑު މިއަދު ވަނީ އެ މީހުންގެ އުފަން ރަށް ކަމަށްވާ އިޓަލީގެ ޖެނޯއާއަށް ގެންގޮސްފައެވެ. އަދި މިއަދުގެ ވަގުތެއްގައި އެ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.


އަލިމަތާ ހޮހަޅައަށް ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިތައް ނަގާފައިވަނީ، އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންގެ ޓީމަކުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.


މި ހާދިސާއާ ގުޅިގެން ތަޖުރިބާކާރުންގެ ޓީމުން ބުނެފައިވަނީ، ވ. އަތޮޅު ދެކުނު ކަނޑުގައި އޮންނަ މި ހޮހަޅައަކީ އާދައިގެ ޑައިވަރުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެކަށީގެންވާ ތަމްރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު އެ ހޮހަޅައަށް ނުވަނުމަށް އެ ޓީމުން ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement