އިންޑިއާއަށް ދަތުރުކުރާ ދިވެހީން ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި

އިންޑިއާއަށް ދަތުރުކުރާ ދިވެހީން ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި

5 hours ago - 14:47
Advertisement
Advertisement

ދުނިޔޭގައި ފެތުރެމުންދާ އެބޯލާ ބައްޔާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިންޑިއާއަށް އެތެރެވާ ހުރިހާ ދަތުރުވެރިން "ސެލްފް ޑެކްލަރޭޝަން ފޯމު" (އެސްޑީއެފް) ހުށަހަޅަން ޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ނިންމައިފިއެވެ.


މި އާ އުސޫލުގެ ދަށުން، އިންޑިއާއަށް ދަތުރުކުރާ ދިވެހީން ހިމެނޭ ގޮތަށް ހުރިހާ ބައިނަލްއަގްވާމީ ދަތުރުވެރިން، އެ ގައުމަށް ފުރުމުގެ ކުރިން އަމިއްލަ ސިއްހީ ހާލަތު ބަޔާންކޮށް ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަނުން މި ފިޔަވަޅު އަޅާފައިވަނީ އެބޯލާ ބައްޔަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ.


ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އިންޑިއާ ސަރުކާރުގެ މި ނިންމުމަށް އަމަލުކުރުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. އެ އެއާލައިނުން ބުނި ގޮތުގައި މި ފޯމު މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމު އިންޑިއާއަށް ދިއުމަށްފަހު އެ ގައުމުގެ ހެލްތު އަދި އިމިގްރޭޝަން ކައުންޓަރުތަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އެއާލައިނުން މައުލޫމާތު ދެއެވެ.


އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވެސް ދަނީ އެ ގައުމަށް އެތެރެވާ މީހުންގެ ތެރެއިން އެބޯލާގެ އަލާމާތްތައް ހުރި ކަމަށް ޝައްކުކުރެވޭ ފަރާތްތައް ސްކްރީން ކުރަމުންނެވެ. މިހާތަނަށް ޓެސްޓު ކުރި އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވީ ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން އެ ފަރާތްތައް ވަނީ ކަރަންޓީނުކޮށްފައެވެ. މީގެ އިތުރުން، ހުރިހާ އެއާލައިންތަކަކުން ވެސް ފްލައިޓްތަކުގެ ތެރޭގައި ސިއްހީ ރައްކާތެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.


މި ބައްޔާ ގުޅިގެން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ރާއްޖެއަށް އެބޯލާ އައުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލި ފެތުރޭ ސަރަހައްދުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement