މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

17 hours ago - 11:15
Advertisement
Advertisement

މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރި ކަންކަމުގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދެއްވި ޚިޠާބުގައެވެ. ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށާއި މި ދާއިރާގެ ޚިދުމަތްތެރީންނަށް އަރިސްކުރައްވަމުން، ރައީސް ވިދާޅުވީ ރައްޔިތުންގެ އަޑުއަހައިގެން ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި "މޯލްޑިވްސް 2.0" ގެ އަމާޒުތަކާއެކު ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާވެގެންދާއިރު، ރަށްތަކުގައި ތިބެގެން ޚިދުމަތްތައް ހޯދުމާއި އާމްދަނީގެ މަގުތައް ފަހިވުމުގެ ފުރުޞަތު ރައްޔިތުންނަށް އިތުރަށް ތަނަވަސްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 


ރާއްޖޭގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތުން އިހުޒަމާނުއްސުރެވެސް ޚިދުމަތްތައް ދެމުން އައީ ލާމަރުކަޒީ އުސޫލުން ކަމަށާއި، މިހާރުގެ ޤާނޫނުއަސާސީގެ ދަށުން މި ނިޒާމު އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ. ވޭތުވެދިޔަ ދެ އަހަރަކީ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 


މިގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޙައްޤު މަޤާމު ހޯދައިދިނުމުގެ އިތުރުން، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ކައުންސިލްތަކުން އެތައް ދުވަހަކު އިންތިޒާރުކުރި ކަންކަން ހަގީގަތަކަށް ހަދައިދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އިސްނަގައިގެން ފަށާފައެވެ.

Advertisement
Advertisement


ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ރަށްތަކުގައި ކުޅިވަރުގެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި ސަރުކާރުން ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށެވެ. އަދި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، މަގުހެދުމާއި ބަނދަރުހެދުން ފަދަ އުމްރާނީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް އެއްފަހަރާ ހިނގަމުންދަނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ސަރުކާރުގެ ތަރައްޤީގެ މައި ތަސައްވުރު އެކުލަވައިލާފައިވަނީ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ސީދާ ޚިޔާލާއި މަޝްވަރާ ހޯދައިގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.     

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement