ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި
ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްދިނުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.
ދިވެހި ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި މި ނިންމުމަކީ ތައިލެންޑުގެ ކެބިނެޓުން އެ ގައުމުގެ ވިސާ ޕޮލިސީ މުރާޖާކުރުމަށްފަހު ނިންމި ނިންމުމެކެވެ. މި މަހުގެ 14 ވަނަ ދުވަހު ތައިލެންޑް ކެބިނެޓުން ނިންމާފައިވަނީ، ވިސާއާ ނުލައި ދިވެހިންނަށް އެ ގައުމަށް ދަތުރުކުރެވޭ މުއްދަތު ކުރިން އޮތް 15 ދުވަހުގެ ބަދަލުގައި 30 ދުވަހަށް އިތުރުކުރުމަށެވެ.
ތައިލެންޑުގެ އައު ވިސާ ޕޮލިސީގެ ދަށުން ވިސާއާ ނުލައި 30 ދުވަހަށް ދަތުރުކުރެވޭ ގޮތަށް އަލަށް ހަމަޖައްސައިދިން ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ކްރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް އަދި މޯލްޓާ ހިމެނެއެވެ.
މި ބަދަލަކީ ރާއްޖޭގެ ފޮރިން މިނިސްޓަރާއި ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ސިހާސަކް ފަންގްކެޓްކޯއާ ދެމެދު ކުރެވުނު މުހިންމު މަޝްވަރާތަކަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުމުގެ ސަބަބުން ބޭސްފަރުވާއަށާއި ފަތުރުވެރިކަމުގެ ބޭނުމުގައި ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ތައިލެންޑްގެ ވިސާ ޕޮލިސީއަށް ގެނައި މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އެހެންކަމުން، އެކަން ރަސްމީކޮށް އާއްމުކޮށް އިއުލާން ކުރެވެންދެން، މިހާރުވެސް އޮންނަ އުސޫލުގެ ދަށުން ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރުމުގެ އިންތިޒާމްތައް ކުރިއަށްދާނެއެވެ.
މި ސަރުކާރުން އަންނަނީ ދިވެހި ރައްޔިތުންނަށް ދުނިޔޭގެ އެކި ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް





