ކޮރަޕްޝަނާ ދެކޮޅު ޤައުމީ ސްޓްރެޓެޖީ މުރާޖައާކުރުމުގެ މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފި

ކޮރަޕްޝަނާ ދެކޮޅު ޤައުމީ ސްޓްރެޓެޖީ މުރާޖައާކުރުމުގެ މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފި

11 hours ago - 00:14
Advertisement
Advertisement

"ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ" މުރާޖައާކޮށް، ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ އަމަލީ ސިޔާސަތުތައް ހަރުދަނާކުރުމަށް ބާއްވާ ޚާއްޞަ މަޝްވަރާ ބައްދަލުވުންތަކެއް މިއަދު ފަށައިފިއެވެ.


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގުޅިގެން ކުރިއަށްގެންދާ މި ބައްދަލުވުމަކީ، ޤައުމީ ފެންވަރުގައި ކަމާގުޅުންހުރި މުހިންމު ފަރާތްތަކުގެ ލަފާޔާއި އިރުޝާދާއެކު، ރާއްޖޭގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމަށް ބާއްވާ ބައްދަލުވުމެކެވެ.


މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި ދައުލަތުގެ މުއައްސަސާތަކާއި، ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ އިދާރާތަކާއި، އަމިއްލަ ދާއިރާގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ތަރައްޤީގެ ބައިވެރިން ބައިވެރިވެއެވެ.


ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގެ ފުރަތަމަ ދުވަހު އަލިއަޅުވާލާފައިވަނީ ސްޓްރެޓެޖީގެ މައިގަނޑު ތަސައްވުރާއި، ލަނޑުދަނޑިތަކުގެ އިތުރުން އެކްޝަން ޕްލޭން ބިނާވެފައިވާ ގޮތުގެ މައްޗަށެވެ. އަދި ސިޔާސަތުތައް ތަންފީޒުކުރުމުގައި ގެންގުޅޭނެ އުސޫލުތަކާ ބެހޭގޮތުންވެސް މިއަދު ވަނީ މަޝްވަރާކޮށްފައެވެ.


ބައްދަލުވުމުގެ ދެވަނަ ދުވަސް ޚާއްޞަކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާތަކަށެވެ. މިގޮތުން މުއައްސަސާތަކުގެ މެދުގައި ކަންކަން ވިލަރެސްކުރާނެ ނިޒާމުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މާލީ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.


މަސައްކަތު ބައްދަލުވުމުގެ ފަހު ދުވަހު ފުރުޞަތު ދޭނީ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކަށެވެ. އަމިއްލަ ދާއިރާގެ ނަޒާހަތްތެރިކަން އިތުރުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެ ފަރާތްތަކުގެ ތަޖުރިބާއާއި ޚިޔާލު ހޯދުމަށް އޭސީސީއިން ވަނީ ނިންމާފައެވެ.


އޭސީސީއިން ބުނިގޮތުގައި، މި ސްޓްރެޓެޖީ އެކުލަވާލުމުގައި މުޅި ދައުލަތާއި މުޖުތަމައު ބައިވެރިވާ ފަދަ ޝާމިލު ގޮތެއް ގެންގުޅުމުގެ ބޭނުމަކީ، ކޮރަޕްޝަން ހުއްޓުވޭނީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެންކަމަށްވާތީއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement