
މަގުހެދުމުގެ މަޝްރޫޢުތައް މިއަހަރު ފަހުކޮޅު ފެށޭނެ- ރައީސް
ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުހެދުމުގެ މަޝްރޫޢުތައް މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ނ.އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި މާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މަގުހެދުމަކީ ޖުމްލަކޮށް ހުރިހާ ރަށެއްގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އެވައުދު ފުއްދެވުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ވިދާޅުވީ މިއަހަރުގެ ފަހުކޮޅަށް އެމަސައްކަތްތައް ފެށުމަށް ތާވަލްކޮށްފައިވާ ކަމަށެވެ.
"މުޅިރާއްޖޭގައިވެސް މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ފަހުކޮޅު ފެށިގެންގޮސް މިއަންނަ އަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތްތައް ކުރަން ވަނީ ކަނޑައެޅިފަ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް ބޮޑަތި ގިނަ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މާފަރަށް އިޝާރާތްކުރައްވާ ވިދާޅުވީ އެރަށު ޞިއްހީ މަރުކަޒު ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު މިހަފްތާގެ ބުރާސްފަތި ދުވަހު އަލުން އެގްރިމެންޓް ކުރެވޭނެ ކަމަށެވެ. އެގޮތުން މަދުވެގެން 15 އެނދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިހަފްތާގައި މާފަރު ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ހަވާލުކުރި މިންވަރާމެދު ކައުންސިލުން ވަނީ ރައީސްއާ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓްގެ ޓަރމިނަލް ބޮޑުކޮށް, ހޮޓަލެއް ތަރައްޤީކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް މާފަރު ރައްޔިތުންނަށް ދެއްވިއެވެ. އަދި ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކުރުމާއި, ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރިއެކްޝަންސް






