ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ސަފީރުން ޢައްޔަން ކުރައްވައިފި
ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަޠަރަށާއި އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އަށް ކަނޑައަޅުއްވާ ސަފީރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސްޓޭޓް އޮފް ޤަޠަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ ރ. ފައިނު، ޗަމަން، އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ ގ. ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމެވެ.
މި ދެ ބޭފުޅުންނަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށާއި، އިސްލާމީ އަދި ޢަރަބި ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އިސްކުރެއްވި ދެ ބޭފުޅުންނެވެ.
މި ރަސްމިއްޔާތުގައި ސަފީރުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވައި މަރުޙަބާ ދަންނަވައި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރިއެކްޝަންސް





