ސްޓިއަރިންގް ކޮމިޓީތައް އެކުލަވާލަނީ 2028 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް: މެންބަރު އިއްބެ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްޓިއަރިންގް ކޮމިޓީތައް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މިހާރުއްސުރެ ތައްޔާރުވުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، ޕާޓީގެ ސްޓިއަރިންގް ކޮމިޓީތައް އަލުން އިންތިޚާބުކޮށް ތަރުތީބުކުރުމަކީ ކުރިއަށް އޮތް ބޮޑު އިންތިޚާބަށް ޕާޓީގެ ސަފުތައް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ޕާޓީ އިތުރަށް ހަރުދަނާކޮށް، ހުރިހާ ދާއިރާތަކަކުން ޕީއެންސީގެ މެންބަރުން ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ގޮތަށް ކަންކަން ރާވައި ހިންގުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މެންބަަރު ފާހަގަކުރެއްވިއެވެ.
ސްޓިއަރިންގް ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، ކޮމިޓީތަކުގެ މެންބަރަކަށް ވުމުގެ ފުރުސަތު މި މަހުގެ 15 އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތަކީ ޕީއެންސީގެ ސްޓިއަރިންގް ކޮމިޓީގެ މެންބަރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރިހާ ދާއިރާއަކުން ކުރިމަތިލައިގެން، ވަރަށް ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރުން،" މެންބަރު އިއްބެ ވިދާޅުވިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖޫން 15 އާ ހަމައަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށެވެ. މެންބަރު އިއްބެ ވަނީ ޕާޓީގެ ހުރިހާ ބޭފުޅުންވެސް މި ކަމުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ. މެންބަރު އިތުރަށް ފާހަގަކުރެއްވިގޮތުގައި، ރަށްތަކުގެ ތަރައްގީގެ ކަންކަމާއި ރަށުގެ ހާލަތު ވަޒަންކޮށް މޮނިޓަރު ކުރުމުގެ މުހިންމު ޒިންމާތަކެއް އޮންނާނީ މި ކޮމިޓީތަކުގެ އަތްމަތީގައެވެ.
މި އިންތިޚާބަކީ ވަރަށް އިންސާފުވެރިކޮށް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ކުރިއަށްދާނެ އިންތިޚާބެއްކަން ފާހަގަކުރައްވަމުން، ހަމަހަމަ އުސޫލުން ހުރިހާ ކަމެއް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މެންބަރު އިއްބެ ވަނީ ދެއްވާފައެވެ. މިހާރުވެސް ގިނަ އަދަދެއްގެ މެންބަރުން ސްޓިއަރިންގް ކޮމިޓީތަކަށް ކުރިމަތިލަމުންދާ ކަމަށާއި، ފޯމު ހުށަހެޅުމަށް އެންމެ ފަހު ވަގުތަށް މަޑުނުކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިއެކްޝަންސް

