އެމް.އޭ.ސީ.އެލް އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބޯޑަށް އައު މެންބަރުން އައްޔަނުކުރައްވައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު އައު މެންބަރުން އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު ހާމަކުރި ގޮތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނި، އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ސ.ހުޅުދޫ، ރިވަރސައިޑު އަޙްމަދު ނާޞިފު އެވެ. އޭނާ އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.
މީގެއިތުރުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ސ.ހިތަދޫ، ވެލްކަމްވިލާ ޝެރީނާ ޞާލިޙް އެވެ. ޝެރީނާ ޞާލިޙް ވެސް އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެން ކަމަށް ޕީ.ސީ.ބީ އިން މަޢުލޫމާތު ދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ކުންފުނިތަކުގެ ބޯޑުތަކަށް ޤާބިލު ބޭފުޅުން އައްޔަނުކުރައްވަމުންނެވެ. އެއަރޕޯޓްތައް ހިންގާ މި ދެ ކުންފުންޏަކީ ރާއްޖޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއާ ނުހަނު ގުޅުންހުރި މުހިންމު ދެ ކުންފުންޏެވެ.
ރިއެކްޝަންސް





