ރައީސް ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި
މާތްވެގެންވާ ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ހުރިހާ ރައްޔިތުންނަށް ތަޙުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު ދިވެހި ކޮންމެ ލޮބުވެތި ރައްޔިތަކަށްމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާކުރައްވާފައިވެއެވެ.
މިއަދަކީ ޙައްޖު ދުވަސްކަމުން، ޙައްޖު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަސް ކަމުގައި ދީނީ ޢިލްމުވެރިން ބަޔާންކުރައްވައެވެ. މި މަތިވެރި ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖުގެ މަތިވެރި އަޅުކަމަށް ގޮސް ތިބި ޙައްޖުވެރިން އަރަފާތު ބިމަށް ޖަމާވާނެއެވެ. ޙައްޖުވެރިން މެންދުރު ނަމާދާއި އަސުރު ނަމާދު ގުޅުވައިގެން ކުރުމަށްފަހު، އިރުއޮއްސުމާ ހަމައަށް ދުޢާކުރުމާއި، ގުރުޢާން ކިޔެވުމާއި، ޒިކުރު ކުރުމުގައި ދެމިތިބޭނެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ މީހުންނަށްވެސް މި ދުވަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް އޮތް އެންމެ މާތް އަޅުކަމަކީ ރޯދަ ހިފުމެވެ. ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުށްފާފަތަކުގެ ކައްފާރާއެއް ކަމުގައި ވުމަށް އުންމީދު ކުރައްވާ ކަމުގައި ކައު ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް މި ފޮނުއްވި ތަޙުނިޔާއަކީ އިސްލާމީ ބޮޑެތި މުނާސަބަތުތަކުގައި ރައްޔިތުންނާ ބާއްވާ ގާތް ގުޅުން ހާމަކޮށްދޭ ކަމެކެވެ.
ރިއެކްޝަންސް





