ރާއްޖޭގައި ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް
ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުޓްބޯޅައަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއްބައިވަންތަކުރުވާ ރީތި ކުޅިވަރެއް ކަމަށެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގައި މި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ފީފާ (FIFA) މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން މުހިންމު އިޞްލާޙީ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން، ކުޅިވަރާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުޅިވަރު ތަރައްޤީކުރުން ލާމަރުކަޒީ ކުރުމަށް ސަރުކާރުން އިސްކަންދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ސަޤާފަތް ވަރުގަދަވެ، ދިވެހި އެތުލީޓުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި އަގުހުރި ފުރުސަތުތަކާއި ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ފުޓްބޯޅައިގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫޙަށް ތަޢުރީފު ކުރައްވަމުންނެވެ. އަދި މި ކުޅިވަރަކީ އަންނަން އޮތް ޖީލުތަކަށް ހިތްވަރު ލިބިދޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ހުރިހާ ފަރާތްތަކަށް އުފާވެރި ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހަކަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ރިއެކްޝަންސް





