ބޮޑުތަކުރުފާނު މަގުގެ ހުރިހާ ސެގްމަންޓެއްގައި ތާރުއަޅަނީ އެކީގައި، މަސައްކަތް އަންނަ މަހަށް ނިމޭނެ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގުގެ ހުރިހާ ސެގްމަންޓެއްގައި ތާރުއަޅަނީ އެކީގައި، މަސައްކަތް އަންނަ މަހަށް ނިމޭނެ: އެމްޓީސީސީ

1 hour ago - 12:37
May 1, 2026 - 12:38
Advertisement
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ތާރުއެޅުމުގެ މަސައްކަތް ހުރިހާ ސެގްމަންޓެއްގައި އެއްފަހަރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.


މިކަމާއި ގުޅިގެން އެމްޓިސީސީ އިން ބުނީ، ކުރިން ނިންމާފައި އޮތީ ސެގްމަންޓް 5 ގެ ތާރުއަޅާ ނިންމުމަށްފަހު އެހެން ސެގްމަންޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް މިހާރު ޕްލޭން ބަދަލުކޮށް، ހުރިހާ ސެގްމަންޓެއްގައިވެސް އެއްފަހަރާ ތާރުއަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށް އޮތް ސެގްމަންޓް 5 ގެ ހުރިހާ މަސައްކަތެއްހެން މިހާރު ވަނީ ނިމިފައެވެ. މިވަގުތު އެ ސަރަޙައްދުގައި ކުރިއަށްދަނީ ސައިޑްވޯކް ހެދުމުގެ މަސައްކަތެވެ. މީގެ އިތުރުން، ބާކީ ހުރި 3 ސެގްމަންޓްގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ ތެރޭގައި ކީވޯލްގެ މަސައްކަތާއި، ފެނާ ނަރުދަމާ ހޮޅި ވަޅުލުމުގެ އިތުރުން އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި ސަރަޙައްދުގައި ޖަހަންޖެހޭ 522 ޝީޓް ޕައިލްގެ ތެރެއިން %50 މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ޝަރުވަސް އިތުރަށް ވިދާޅުވީ، ތާރުއެޅުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމައި މަގު ހުޅުވާލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ހިނގާބިނގާވެ އުޅޭ މީހުންނަށް މަގު ހުޅުވާލެވިފައި އޮންނާނެއެވެ. ނަމަވެސް ތާރުއަޅާ ވަގުތު މަގު ބަންދުކުރެވޭނެއެވެ.


"ބަންދުކޮށްފައި އޮންނަ މުއްދަތުގައި ރައްޔިތުންނަށް ކޮންމެހެން ޚިދުމަތް ދޭންޖެހޭ އޮފީސްތަކުގެ ވެހިކަލްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ. ނަމަވެސް އާންމު އުޅަނދުތަކަށް ނުވަދެވޭނެ،" ޝަރުވަސް ވިދާޅުވިއެވެ.


ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި ފޭސްގެ ދަށުން މަސައްކަތް ކުރަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް 700 މީޓަރުގެ ސަރަޙައްދެވެ. މި މަޝްރޫޢުގެ ދަށުން 610 މީޓަރުގެ އެއްގަމު ތޮށިވެސް އައުކޮށް ތަރައްޤީ ކުރެވޭނެއެވެ. މި މަސައްކަތަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement