އެމްޓީސީސީގެ ޗެއާޕާސަންގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަނުކުރައްވައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާޕާސަން ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އެވެ.
އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފް ޙުސައިން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
ސަޢާދާ އިބްރާހިމް މި މަޤާމަށް އައްޔަނުކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަވަމުންނެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ ދަތުރުފަތުރާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ. އައު ޗެއާޕާސަން އައްޔަނުކުރެއްވުމާއެކު، ކުންފުނީގެ ހިންގުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





