
ރަނުގެ ފުރުސަތެއް: މަސްޖިދުލް ނަބަވީގެ އިމާމް މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރައްވަނީ
މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލް ބުދައިރު މިރޭ ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމްވެ މަޣްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށް ވެގެން ދާނެއެވެ. އެހެނީ މިއީ ހަރަމްފުޅުގެ އިމާމަކު 40 އަހަރަށް ފަހު ރާއްޖެއަށް ވަޑައިގެން މިފަދަ ގޮތަކަށް އިމާމުވެ ނަމާދުކުރައްވާ ފުރަތަމަ ފަހަރުކަމަށް ވުމެވެ. އަދި ޑރ. ޞަލާހުލް ބުދައިރު އަކީ ރީތިކޮށް ޤުރުއާން ކިޔެވުމަށާއި ޚުތުބާ ކިޔުމަށް ވަރަށް މަޝްހޫރު އަދި އެހާމެ މަޤުބޫލު އިމާމަކަށް ވުމެވެ.
މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވުމަށްފަހު މާދަމާރޭ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދު ކުރައްވާ އަދި އިޝާ ނަމާދަށް ފަހު ޑރ. ޞަލާހުލް ބުދައިރުގެ ވަރަށް ޚާއްޞަ ދަރުހެއްވެސް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން މިމަހުގެ 25ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުވެސް އެމަނިކުފާނު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ޑރ. ސަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތީ ސަރުކާރުގެ ދަޢުވަތަކަށް މިމަހުގެ 21 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ހަމަ މިއާއި އެކު އެމަނިކުފާނު އިއްޔެ ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި އެވުޒާރާގެ މުވައްޒަފުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާވެސް ބައްދަލުކުރައްވާފައެވެ.
ރިއެކްޝަންސް






