
ވަޒީފާގެ ފުރުޞަތު ދިނުމަށް ކުށުގެ ރެކޯޑް 'ކްލިއަރ' ކޮށްދިނުމުގެ ވިސްނުމެއް!
އެވިސްނުން އޮތްކަމަށް މިނިސްޓަރ އިހުސާން ވިދާޅުވީ މެމްބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން
ވަޒީފާގެ ފުރުޞަތު ދިނުމަށް ކުށުގެ ރެކޯޑް 'ކްލިއަރ' ކޮށްދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގައި މިއަދު ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެކިއެކި ކުށްކުށުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް ދައުވާކުރަން ފޮނުވިފައިނުވާ ވަރަށްގިނަ މީހުން އެބަތިބިކަން ފާހަގަކުރައްވާ މެމްބަރު އިއްބެ ވިދާޅުވީ އެމީހުންނަށް ވަޒީފާ އަދާކުރެވޭނެ ގޮތެއް ނެތި ތިބީ ޕޮލިސް ރެކޯޑްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ވަޒީފާ ދެވޭނެ ގޮތަށް, ވަގުތީ ގޮތުން ނަމަވެސް ޕޮލިސް ރިޕޯރޓް ކްލިއަރ ކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމުގެ ވިސްނުން ހުރިތޯ މެމްބަރު ސުވާލުކުރެއްވިއެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޒުވާނުންނަށާއި, އެއްފަހަރު ކުށްކުރެވިފަ ތިބޭ ބޭފުޅުންނަށްވެސް އެފުރުޞަތު އަރުވަން ބޭނުންފުޅުވާ ރައީސްއެއް ކަމަށެވެ. " އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި އެރެކޯޑް ހުރި ކުދިންނަށް އެފުރުޞަތު ދޭން. " މިނިސްޓަރ ވިދާޅުވިއެވެ.
ރިއެކްޝަންސް






