
ޞައްހަނޫން ފޯމެއްގައި މިނިސްޓްރީގެ ވެރިއަކު ސޮއިކޮށްފިނަމަ ފިޔަވަޅު އަޅާނަން, އެފަދަ އެންގުމެއް އަދި ނެތް- ހޯމް މިނިސްޓަރ
ޞައްހަނޫން ފޯމެއްގައި މިނިސްޓްރީގެ ވެރިއަކު ސޮއިކޮށްފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށާއި, އެފަދަ އެންގުމެއް އަދި ނެތް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ޕީއެންސީއަށް މީހުން ވެއްދުމަށް ސައްހަނޫން ފޯމްތަކެއްގައި ހެކިވެރިންގެ ގޮތުގައި އެމިނިސްޓްރީގެ ވެރިންތަކެއް ސޮއިކުރައްވާފައިވާ ކަމަށާއި, އެމުވައްޒަފުންނާމެދު އެޅުއްވީ ކޮންފިޔަވަޅެއްތޯ ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެމިނިސްޓްރީގެ މުވައްޒަފަކު ސައްހަނޫން ފޯމެއްގައި ސޮއިކޮށް, މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް އެއްވެސް އިދާރާއަކުން މިހާތަނަށް އަންގާފައި ނުވާކަމަށެވެ. އެފަދަ ކަމެއް ހިނގައިފިނަމަ އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
" އެކަން އަޅުގަނޑުމެންނަށް އަންގާ ދުވަހަކީ އެއީ ކޮންމެ މުވައްޒަފެއް ވިޔަސް އިސްތިސްނާއެއްނުކޮށް, އެމުވައްޒަފަކާ ދޭތެރޭ ފިޔަވަޅު އަޅާނަން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ މިސަރުކާރުން ދައުލަތުގެ ޑާޓާ ކޮމްޕްރޮމައިޒް ނުކުރައްވާނެ ކަމަށެވެ. އަދި ގެންނަވާ ބަދަލުތަކާއެކު ދެން އަންނަ ސަރުކާރަކަށްވެސް އެފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ޑާޓާ ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމަށް ބޭނުންކުރަމުން އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






