ފީފާ ވަރލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް، ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ފީފާ ވަރލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް، ރައީސް މަރުޙަބާ ވިދާޅުވެއްޖެ

11 hours ago - 00:11
Advertisement
Advertisement

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވަރލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަން ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ސްޕެއިންގެ ކާމިޔާބީ، މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަޙްމަތްތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅުތައް ނިންމަވާލައްވަމުން، ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްޙަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement