ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގ. ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މުޙައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ރާމިޒަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ކުރެއްވި މުހިންމު ޚިދުމަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރްޙޫމް މުޙައްމަދު ރާމިޒަށް މާތްﷲގެ ރަޙްމަތާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންނެވިއެވެ.
އުމުރުފުޅުން 74 އަހަރުގައި މުޙައްމަދު ރާމިޒް އަވަހާރަވިއިރު، މަރްޙޫމްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މުޙައްމަދު ރާމިޒަކީ ސިޔާސީ ދާއިރާގެ އިތުރުން އިޖުތިމާޢީ ގޮތުންވެސް ގިނަ ބައެއްގެ އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ރިއެކްޝަންސް





