
ޗައިނާއިން ދަނޑުވެރިކަމަށް ދިން އެހީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް!
ޗައިނާއިން ދަނޑުވެރިކަމަށް ދިން އެހީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދޭން ދަނޑުވެރިކަމާ ދިރޭ ދަކެއްޗާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެވުޒާރާއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެހީގެ ގޮތުގައި ތަކެތި ލިބިފައިވާ ކަމަށެވެ.
އެ ތަކެތީގެ ތެރެއިން ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ޙަވާލުކުރުމަށް މިނިސްޓްރީން ނިންމާފައިވަނީ ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާ ކަމަށް ވިދާޅުވިއެވެ. އެގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަން ޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށް ކަމަށް ވިދާޅުވިއެވެ. މި ގޮތަށް ޢަމަލު ކުރުމަށް ނިންމީ ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިވުޒާރާއަށް އެދޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާތީ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާކަމަށް ވުމުން، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި މިވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމު ކަމެއްކަންވެސް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދީފައިވާ، ޕެކޭޖުގައި ހިމެނެނީ ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރާއި، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓާއި އޮޓަމެޓިކުން ފެންދެވޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރއާއި، ދޫނިރޯގާ (އޭވިއަން އިންފުލޫންޒާ) ވައިރަސް ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓެވެ.
އެއްބަސްވުމުގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ އޭރު ރަމްޒީގޮތުން ޙަވާލުކޮށްފައެވެ.
ރިއެކްޝަންސް






