
އިސްކަންދޭންވާނީ އިޖުތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށް- ރައީސުލްޖުމްހޫރިއްޔާ
މިބަރަކާތްތެރި އަޟްހާ ޢީދުގައި އިސްކަންދޭންވާނީ އިޖުތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޢީދުގެ ތަހުނިޔާ ފޮނުއްވުމަށް މައްކާގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ޢާއްމުކުރެއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަކީ، މިއަދު އެމަނިކުފާނުގެ އެންމެ އިޚްލާޞްތެރި އިލްތިމާސް ކަމަށެވެ. "ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ޙަޤީޤީ ޒީނަތްތެރިކަމެވެ." ރައީސް ވިދާޅުވިއެވެ.
ޢީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތަޢުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުމަކީވެސް މުޖުތަމައުން ފެންނަ އެންމެ ރިވެތި ސިފަތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވައިފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ކޮންމެ ޢީދަކުމެ، ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތީން އަޅުގަނޑުމެން ހަނދާން ކުރާކަމަށެވެ.
"ވަކީން ޚާއްޞަކޮށް، ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުންނެވެ. މުސްލިމުންގެ މުޤައްދަސް މިސްކިތުގެ ޙިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަސްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށިއެވެ. ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި ޢާއިލާތަކަށް ދެއްވާށިއެވެ. އާމީން" ރައީސްގެ ހިޠާބު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ރިއެކްޝަންސް






