ގަވާއިދުން ކުލި ނުދައްކާ އެފްޑީސީގެ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށްފި
ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، "ޕޯޓަލް އެކްސެސް" ކަނޑާލުމަށްފަހު 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި ދެ ފްލެޓުގެ އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ފުރުސަތު ދީފައިވެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވާފައިވާ ކަމަށާއި، އޭގެ އިތުރުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާނެ ކަމަށް އެފްޑީސީން ބުންޏެވެ. މި ނޯޓިސްތައް ފަހި ޕޯޓަލްގެ އިތުރުން އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް ފްލެޓްތަކުގެ ވެރިފަރާތްތަކަށް ވަނީ ފޮނުވާފައެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި މިއީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެކެވެ. އަދި އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ކުއްޔާއި މެއިންޓެނަންސް ފީ ގަވާއިދުން މަހުން މަހަށް ދެއްކުމަށް އެ ކޯޕަރޭޝަނުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރަމުން އަންނަ "އަމާން" މަޝްރޫއު (އަމާން ދޯދި އަދި އަމާން އުދަރެސް) ގެ 32 ޓަވަރުގައި ޖުމްލަ 4,000 ފްލެޓް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން 2 ކޮޓަރީގެ ފްލެޓެއްގެ މަހު ކުއްޔަކީ 7,000 ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފްލެޓެއްގެ މަހު ކުއްޔަކީ 9,000 ރުފިޔާއެވެ.
ރިއެކްޝަންސް





