ޤަތަރަށް ދިން ހަމަލާގައި އިޒްރާއިލްގެ މައިގަނޑު އަމާޒަކީ ހަމާސްގެ ހަލީލް އަލް-ޙައްޔާ
ޙަލީލް އަލް-ހަމަލާއިން ވަނީ ސަލާމަތްވެފައި. ފޮޓޯ: އެރެބް ނިއުސް

ޤަތަރަށް ދިން ހަމަލާގައި އިޒްރާއިލްގެ މައިގަނޑު އަމާޒަކީ ހަމާސްގެ ހަލީލް އަލް-ޙައްޔާ

މިއީ މެދުއިރުމަތީގެ ސަލާމަތުގެ 'ޓަރނިންގ ޕޮއިންޓް', ގިނަ ޤައުމުތަކަކަން ދަނީ ހަމަލާ ކުށްވެރިކުރަމުން

6 hours ago - 21:45
Sep 9, 2025 - 21:46

މިއަދު އިޒްރާއިލްއިން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއަކީ ހަމާސްގެ ލީޑަރޝިޕަށް އަމާޒުކޮށް ދިން ހަމަލާއެއް ނަމަވެސް މިއީ މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުމާ ގުޅޭ ނުރައްކާތެރި މައްސަލައެކެވެ. ޤަތަރަށް ދިން ހަމަލާ އދ  އާއި ގިނަ ޤައުމުތަކަކުން ކުށްވެރިކުރަމުންދާއިރު އިޒްރާއިލްގެ ހަމަލާގެ މައިގަނޑު އަމާޒު ކަމުގައި ވެފައިވަނީ ހަމާސްގެ ހަލީލް އަލް-ޙައްޔާ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

ހަލީލް އަލް-ޙައްޔާއަކީ ކާކު! ހަމާސްގައި ޙައްޔާގެ ރޯލަކީ ކޮބާ!

ފަލަޞްޠީނުގެ މުޖާހިދުންގެ ގްރޫޕް, ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަދި ޣައްޒާގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަޙްޔާ ސިންވާރު އިޒްރާއިލްއިން މިދިޔަ އަހަރު އަވަހަރާކޮށްލުމަށްފަހު ހަމާސްގެ އިސް ޒިންމާ ކޮނޑުގައި އެޅީ ޙައްޔާއެވެ. ވެރިރަށް ދޯހާއަށް އަރުވާލެވިގެން ހުންނެވި ހައްޔާއަކީޤަތަރުގައި އިޒްރާއިލްއާއި ހަމާސް އާ ދެމުދުގައި ކުރިއަށްގެންދާ ސުލްހައިގެ ވާހަކަތަކުގައި ހަމާސްގެ ފަރާތުން ބައިވެރިވާ އިސްފަރާތެވެ.

ޙައްޔާ އުފަންވީ 1960ގައި ޣައްޒާއަށެވެ. އަދި 1987ގައި ހަމާސް މުޖާހިދުންގެ ޖަމާއަތެއްގެ ގޮތުގައި ފުރަތަމަ އެކުލަވާލެވުނީއްސުރެ ޙައްޔާއަކީ ހަމާސްގެ ބައިވެރިއެކެވެ. އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމުގައި ޙައްޔާގެ އާއިލާގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެެވެ. އޭގެތެރޭގައި ޙައްޔާގެ ފިރިހެން ދަރިއަކުވެސް ހިމެނެއެވެ. 

Advertisement
Advertisement

2007 ވަނަ އަހަރު އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ ޣައްޒާ ސިޓީގެ ސެޖައްޔާގައި ހުންނަ ޙައްޔާގެ ގެއަށް ވައިގެ ހަމަލާއެއްދީ އާއިލާގެ އެތައްބަޔަކު ޝަހީދުކޮށްލާފައެވެ. 2014 ގައި ހަމާސްއާ ދެކޮޅަށް އިޒްރާއިލްއިން ޣައްޒާގައި ދިން ހަމަލާތަކުގައި ޙައްޔާގެ ދޮށީ ދަރިފުޅު އޮސާމާވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. އޮސާމާ އާއި އޭނާގެ އަންހެނުން އަދި އާއިލާ ދިރިއުޅުނު ގެއަށް އިޒްރާއިލްއިން ބޮންއަޅާ ވަނީ އެމީހުން ޝަހީދުކޮށްލާފައެވެ. 

އެހަމަލާތަކަށްފަހު, ހަނިގޮތަކަށް ސަލާމަތްވެ, ޣައްޒާ ދޫކޮށް އަމިއްލައަށް ޤަތަރަށް އަރުވާލެވިގެން ޙައްޔާ ހުންނަވާތާ އެތައް އަހަރެން ވަނީ ވެފައެވެެ. އަދި ޤައުމުން ބޭރުގައި ހަމާސްގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރަށް މިދުވަސްތަކުގެ ތެރޭގައި ޙައްޔާ ވަނީ ވެފައެވެ. ޙައްޔާއަކީ ހަމާސް އާއި އަރަބި އިސްލާމީ ދުނިޔެ ގުޅުވާދިނުމުގެ އާރުކާޓީއެވެ. 

މިއަދު އިޒްރާއިލްއިން ޤަތަރަށްދިން ހަމަލާގައި ޙައްޔާ ސަލާމަތްވި ނަމަވެސް އޭނާގެ ދަރިއަކާއި އަރިސްބޭފުޅަކު އަވަހާރަ ވެފައިވާކަމަށް އަލް ޖަޒީރާއަށް ދިން ބަސްދީގަތުމެއްގައި ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު ސުހައިލް އަލް-ހިންދީ ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ޙައްޔާގެ ތިން ހަށިފާރަވެރިއަކާ ގުޅުންކެނޑިފައިވާކަމަށްވެސް ހިންދީ ވަނީ ބުނެފައެވެ.

އެފަރާތުން މައުލޫމާތު ދިންގޮތުގައި ހަމަލާދިންއިރުވެސް ހަމާސްއިން ދިޔައީ ހަމަލާތައްހުއްޓާލުމާގުޅޭ މަޝްވަރާތަކަށް ތައްޔާރުވަމުންނެވެ.

ޤަތަރަށް ހަމަލާދިނުމަށްފަހު އިޒްރާއިލްއިން ވަނީ އެހަމަލާއަކީ ޤަތަރުގައި ތިބި ހަމާސްގެ 'ޓެރަރިސްޓުން' ނަށް އަމާޒުކޮށް އެމީހުން މަރާލުމަށް ދިން ހަމަލާއެއްކަމަށް ބުނެފައެވެ. ނަމަވެސް މިއީ މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމާއި ސަލާމަތާ ގުޅޭ 'ޓަރނިން ޕޮއިންޓް' ކަމަށް ސިޔާސީ މުފައްކިރުން ދަނީ ބުނަމުންނެެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow