
ނޭޕާލްގެ މަޞްރަހް އަދި ވެސް ފިންޏެއްނުވޭ, މަޖިލިސްކުރާ ގޭގައި ހުޅުޖަހައި އެއަރޕޯޓްވެސް ބަންދު
ނޭޕާލް ސަރުކާރާ ދެކޮޅަށް ޒުވާނުންކުރަމުންދާ މުޒާހަރާތަކުގެ ދެވަނަ ދުވަސް ކުރިއަށްދާއިރު ސަރުކާރުން މުޒާހަރާގެ ބައިވެރިންގެ ބައެއް ޑިމާންޑްތަކަށް ބޯލަނބާފައި ވީނަމަވެސް އެޤައުުގެ މަޞްރަޙް އަދިވެސް ފިނިނުވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއަދު މަޖިލިސްކުރާ ގޭގައި އަލިފާންރޯކޮށްފައި ވާއިރު މުޒާހަރާ އާ ގުޅިގެން ކަތުމަންޑޫ އެއަރޕޯޓްވެސް ވަނީ މިހާރު ބަންދުކޮށްފައެވެ.
ނޭޕާލްގައި މީސްމީޑިއާގެ ގިނަ މަންސަތަކެއް ސަރުކާރުން ބްލޮކްކުރުމާ ގުޅިގެން ފެށި މުޒާހަރާތައް ސަރުކާރުގެ ކޮރަޕްޝަން އާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް ބަދަލުވެ މަޞްރަހް ހޫނުވެފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި އެގައުމުގެ ބޮޑުވަޒީރު އަދި ކެބިނެޓްގެ ބައެއް ވަޒީރުން ވަނީ އިސްތިއުފާދީފައެވެ. އަދި ރޭގެ ވަގުތެއްގައި މީސްމީޑިއާ ބަންދުކުރަން ސަރުކާރުން ނިންމި ނިންމުންވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.
ނަމަވެސް ސަރުކާރުގެ ކަރަޕްޝަންއާއި އާއިލީ މީހުންނަށް ވަޒީފާގެ ކަންކަން ހަމަޖެއްސުމާއި ގުޅޭ ކަންކަމުގަ އާއި ސަރުކާރުގެ އިސްވެރިންގެ ދަރިންގެ އަގުބޮޑު ދިރިއުޅުމާ ގުޅޭ ކަންކަމުގައި މުޒާހަރާކުރާ ފަރާތްތަކުން ތިބީ ދޫދޭގޮތަކަށްނޫނެވެ. މިއަދު މުޒާހަރާގެ ބައިވެރިންވަނީ މަޖިލިސްކުރާ ގޭގައާއި ބައެއް ސިޔާސީ ފަރާތްތަކުގެ ގެތަކުގައި އަލިފާން ރޯކޮށްފައެވެ.
މުޒާހަރާގެ ބައިވެރިންގެ ރުޅި ފިނި ނުވީ ސަރުކާރުގެ ސިފައިން މުޒާހަރާގެ ބައިބވެރިންނަށް ހަމަލާދީ 19 މީހަކު މަރާލުމާ ގުޅިގެންނެވެ. މަޞްރަހް އިތުރަށް ގޯސްވެ މިއަދު ހަވީރުގެ ވަގުތެއްގައި ނޭޕާލްގެ ހޯމް މިނިސްޓަރު ރަމޭޝް ލެހަކްވެސް ވަނީ އިސްތިއުފާ ދީފައެވެ. މުޒާހަރާގެ ބައިވެރިން އަދިވެސް ޑިމާންޑްކުރަނީ ސަރުކާރުގެ ގިނަ ބަޔަކު އިސްތިއުފާ ދިނުމަށެވެ.
ރިއެކްޝަންސް






