ރައްކާ ވޮލީބޯޅަ މުބާރާތް ފުވައްމުލަކުގައި ފަށައިފި
މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހިވާ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ފުވައްމުލަކުގައި ކުރިއަށްގެންދާ މުބާރާތެއް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހިވާ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުވައްމުލަކުގައި ހިންގާ ރޯޑް ޝޯގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ރައްކާ ވޮލީ ބޯޅަ މުބާރާތް ފުވައްމުލަކުގައި ފަށައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ ހޮންޑާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން، ފުވައްމުލަކު ސިޓީގައި ބާއްވާ ރައްކާ ރޯޑް ޝޯވގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
އިއްޔެ ހަވީރު ފުވައްމުލަކު ދޫޑިގަން އަވަށުގެ ވޮލީ ކޯޓުގައި ފެށި މި މުބާރާތް ފައްޓަވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.
މިމަހުގެ 3 އިން 16 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި 10 ޓީމު ބައިވެރިވެއެވެ. އެއީ އަންހެން ޑިވިޜަންގެ ހަ ޓީމާއި ފިރެހެން ޑިވިޜަންގެ ހަތަރު ޓީމެވެ.
ރައްކާ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ފުރަތަމަ ކުލުނު މެޗުގައި ވާދަކޮށްފައިވަނީ ފުނާޑު ސްޕޯޓްް ކްލަބާއި ޓީމް ދޫޑިގަމެވެ.
އެ މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ފުނާޑު ސްޕޯޓްް ކްލަބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފުނާޑު ސްޕޯޓްް ކްލަބުގެ ޖާޒީ ނަމްބަރ 2 މަރިޔަމް ސަމާއެވެ.
ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން އެ ސިޓީގެ އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ހިންގައި ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ޕޮލިސް ކްލަބުގެ ފަރާތުންނެވެ.
މުބާރާތުގެ ޗެމްޕިއަންޓީމަށް ފައިސާގެ އިނާމާއި ޓްރޮފީ ދިނުމުގެ އިތުރުން އެންމެ މޮޅު ހަ ކުޅުންތެރިން ހޮވުމާއި ކޮންމެ މެޗަކުން ވެސް އެންމެ މޮޅު ކުޅުންތެރިޔާއަށް ހެލްމެޓް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ރިއެކްޝަންސް