
ފުރަތަމަ ފަހަރަށް ކޯލް ޕާމާ އަތުން ޕެނަލްޓީ ނާކާމިޔާބުވިއަސް ކުކުރޭޔާ ޗެލްސީ ސަލާމަތްކޮށްދީފި
އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ޗެލްސީއާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗުގައި ކޯލް ޕާމާ އަތުން ކެރިއަރުގެ ފުރަތަމަ ޕެނަލްޓީ ގެއްލުނު ނަމަވެސް, މާކް ކުކުރޭޔާގެ ގޯލުން 1-0 ން މޮޅުވެ ތާވަލްގެ ގަދަ ހަތަރަކަށް ޗެލްސީ އަނެއްކާވެސް ޖެހިލައިފިއެވެ. ރޭ މެންޗެސްޓަރ ސިޓީއަށް ނޮޓިންގްހަމް ފޮރެސްޓް ކައިރިން މޮޅު ނުވެވުމުގެ ފައިދާ ނަގާ ޗެލްސީން ވަނީ 28 މެޗުން 49 ޕޮއިންޓް ހޯދާފައެވެ.
މެޗުގެ 22 ވަނަ މިނިޓްގައި ޖޭޑަން ސަންޗޯއަށް ކުރި ފައުލަކާ ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީ ފޮނުވާލީ ކޯލް ޕާމާއެވެ. ނަމަވެސް ލެސްޓަރ ސިޓީގެ ގޯލް ކީޕަރު މެޑްސް ހާމެންސަން ބޯޅަ މަތަކުރުމާއެކު ޕްރިމިއަރ ލީގުގެ ތާރީޚްގައި ޕާމާ ދަމަހައްޓަމުންއައި ޕެނަލްޓީ ކާމިޔާބު ކުރުމުގެ ސައްތައިން ސައްތަ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ.
މެޗުގެ ހަމައެކަނި ގޯލް 60 ވަނަ މިނިޓްގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރޭޔާ އެވެ. އެންޒޯ ފެނާންޑޭޒް ނަގައިދިން ޕާސް ގޯލަކަށް ބަދަލުކޮށް ޗެލްސީއަށް ތިން ޕޮއިންޓް ހޯދައިދިނުމަށްފަހު ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުގައި އޭނާ ބުނީ ގޯލްޖެހުމަކީ އޭނާ އާންމުކޮށް ކުރަން މަސައްކަތްކުރާ ކަމެއް ނޫން ކަމުގައެވެ. ނަމަވެސް އެންޒޯގެ ޕާސްއިން ގޯލެއް ކާމިޔާބުކުރެވިދާނެ ކަމަށް ފެނުމުން ޓްރައިކޮށްލީ ކަމަށާއި ޗެލްސީ މޮޅުކޮށްދެވުމުން އުފާކުރާކަމުގައެވެ.
ރޫޑް ވެން ނިސްޓެލްރޫއި ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެސްޓަރ ސިޓީ ރެލިގޭޝަން ޒޯންގެ އެންމެ ފަހަތުގައި އޮތްނަމަވެސް ކައުންޓަރ އެޓޭކުން ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތްކުރިއެވެ. މެޗު ނިމެންދަނިކޮށް 86 ވަނަ މިނިޓްގައިވެސް ބަދަލު ކުޅުންތެރިޔާ ރިކާޑޯ ޕެރެއިރާ ވަނީ ނުރައްކާތެރި ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ކީޕަރު ރޮބާޓް ސަންޒޭޗް ވަނީ ބޯޅަ ދިފާއުކޮށްފައެވެ.
ތާވަލްގެ ފުލުން ދެވަނައިގައި ލެސްޓާ ސިޓީ އޮތީ 17 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް






