
އެތްލެޓިކޯ މެޑްރިޑް ގެޓާފޭ އަތްދަށުވެ ރެއާލް މެޑްރިޑުން ފައިދާ ނަގައިފި
ސްޕެނިޝް ލަލީގާގައި މިއަދު ގެޓާފޭ އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވުމުން ތާވަލްގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ގެއްލި, ރެއާލުން ފައިދާ ނަގައިފި އެވެ. ގެޓާފޭ އަތުން އެތްލެޓިކޯ މެދްރިޑް މޮޅުވީ ފަހަތުން އަރާ 1-2 ނެވެ.
ކުރިން ތާވަލްގެ ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް މިއަދު 2-1 ން ރެއާލް ވަޔަޑޮލިޑް ބަލިކޮށް ތާވަލްގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލުގެ ތަފާތުންނެވެ. ރޭ ބާސެލޯނާއިން އޮސަސޫނާއާ ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކުރީ ބާސެލޯނާގެ ޑޮކްޓަރު ކާލޮސްގެ ކުއްލި މަރާއެކުއެވެ. އެހެންކަމުން ބާސެލޯނާ އަތުގައި އެއް މެޗު ނުކުޅެ އަދި އޮތްއިރު, އެތްލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ އެންމެ ޕޮއިންޓެއް މަދުކޮށެވެ. އެއީ 27 މެޗުން 56 ޕޮއިންޓާއެކުއެވެ.
މެޗުގައި އެތްލެޓިކޯގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ޕެނަލްޓީ އަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން އެލެކްޒަންޑާ ސޯލޮތް ޕެނަލްޓީ ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނިޓްގައެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އެތްލެޓިކޯގެ އެންހެލް ކޯރެއާ އަށް ވަނީ ރަތްކާޑެއް ދައްކާފައެވެ.
ފުރުޞަތުގެ ބޭނުންހިފާ ގެޓާފޭއަށް ނަތީޖާ އެއްވަރުކޮށްދިނީ 88 ވަނަ މިނިޓްގައި މައުރޯ އަރަމްބާރީ އެވެ. މެޗުގެ ނަތީޖާ ގެޓާފޭ ކޮޅަށް އަނބުރާލީވެސް އޭނާއެވެ. އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ޑިއެގޯ ރިކޯ ތަނަވަސްކޮށްދިން ފުރުޞަތުގައި އެތްލެޓިކޯގެ އުއްމީދުތައް ގެޓާފޭއިން ވަނީ އެންމެ ފަހު ވަގުތު ފުނޑުފުނޑުކޮށްލާފައެވެ.
ރެއާލް މެޑްރިޑް އާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗުގައި ރެއާލްގެ ގޯލްތައް ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއަރ އެވެ. ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެ ގޯލާއެކު މޮޅުވެ, ތާވަލްގެ ދެވަނައިގައި ރެއާލް އޮތީ 57 ޕޮއިންޓާއެކު ޕޮއިންޓްގެ ގޮތުން ބާސެލޯނާއާ އެއްވަރުވެގެންނެވެ.
ރެއާލަށް 30 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭއެވެ. ވިނީޝިއުސް ލީޑު ފުޅާކުރީ އޭގެ ހަތަރު މިނިޓް ފަހުން ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ކުރިއަށް އޮތް ޗެމްޕިއަންސްލީގު މެޗަށް ތައްޔާރުވުމުގެ ގޮތުން މިއަދުގެ މެޗުގައި ރެއާލްގެ ކޯޗު ކާލޯ އަންޗޮލެއްޓީ ވަނީ ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުޞަތު ދީފައެވެ. އެގޮތުން ގޯލް ކީޕަރު ތިބޯޓް ކޯޓުއާ, ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ ވެސް މިއަދު މެޗުގައި ބޭނުމެއް ނުކުރެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި އަންނަ ބުދަ ދުވަހު ރެއާލް ނިކުންނާނީ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އޭގެ ފަހުން އެތްލެޓިކޯ މެޑްރިޑުން އާދިއްތަ ދުވަހު ލަލީގާގައި ބާސެލޯނާއާ ދެކޮޅަށްވެސް ނިކުންނާއެވެ.
ރިއެކްޝަންސް






