އެހީ ވަނުން ހުއްޓުވައި, އެންމެފަހުން އިޒްރާއިލްއިން ޣައްޒާއިން ކަރަންޓްވެސް ކަނޑާލައިފި
ޣައްޒާގެ ރައްޔިތުން އުއްބަތި އަލީގައި. ފޮޓޯ: އަލްޖަޒީރާ

އެހީ ވަނުން ހުއްޓުވައި, އެންމެފަހުން އިޒްރާއިލްއިން ޣައްޒާއިން ކަރަންޓްވެސް ކަނޑާލައިފި

ކަރަންޓް ކަނޑާލުމާއެކު ޑީސަލިނޭޝަން ޕްލާންޓަތައް ހުއްޓި ފެންލިބޭނެ ގޮތެއްވެސް ނެތް

7 hours ago - 00:31
Mar 10, 2025 - 00:33

އިޒްރާއިލްގެ ހަކަތައިގެ މިނިސްޓަރު އެލީ ކޯހެންގެ އަމުރަށް ޣައްޒާއިން ކަރަންޓް ކަނޑާލުމާއެކު ޣައްޒާގެ ޑީސަލިނޭޝަން ޕްލާންޓްތައްވެސް ހުއްޓުމަކަށް އައިސްފިއެވެ. ރަމަޟާން މަހާ ދިމާކޮށް ޣައްޒާއަށް އިންސާނީއެހީ ވަނުން އިޒްރާއިލްއިން ހުއްޓުވާފައި އޮންނަތާ މިއީ ނުވަ ވަނަ ދުވަހެވެ.

"ޣައްޒާއިން ހަމަ މިހާރު ކަރަންޓު ކަނޑާލާ. ވާވަރަށް މިހާރު ވާހަކަ ދެއްކިއްޖެ. މިއީ އަމަލުކުރަންވީ ވަގުތު" ހަމަލާތައް މެދުކަނޑާލުމުގެ ދަވަނަ ފިޔަވަހީގެ މަޝްވަރާތއް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް މީސްމީޑިއާގެ މަންސަ, އެކްސް ގައި ކޯހެން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްބަސްވި މުއްދަތު މިހާރު ހަމަވެފައިވާއިރު އިޒްރާއިލްއިން އިއްޔެވެސް ވަނީ ޣައްޒާގައި ދެމީހަކު ޝަހީދުކޮށްލާފައެވެ. ފާއިތުވި 15 މަސްދުވަހު އިޒްރާއިލްއިން ޣައްޒާގެ 50,000 ށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު 2.3 މިލިއަން އާބާދީ އެއްކޮށްވަނީ ވިއްސި ވިހާލިވެފައެވެ. އެއްބަސްވުމުގެ ދަށުން އަލުން އަނބުރާ ގެދޮރަށް ދާން ހުއްދަ ލިބުނު ނަމަވެސް އެމީހުން އެނބުރި ގޮސް ވަންނާނެ ގެދޮރެއް މިހާރަކު ނެތެވެ.

އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެތެރެކުރަންޖެހޭ އެއްވެސް މޯބައިލް ގެއެއްވެސް ޣައްޒާއަށް އެތެރެކުރަން އިޒްރާއިލްއިންވަނީ ހުރަސް އަޅާފައެވެ. އަދި ޓެންޓްފަދަ ތަކެތިވެސް އެތެރެވިޔަނުދީ ވަނީ ހިފަހައްޓާފައެވެ.

Advertisement
Advertisement

އޭގެ ފަހުން އިންސާނީ އެހީ ވަނުން އެއްކޮށް ހުއްޓުވާފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ލިބުން އިންތިހާއަށް ވަނީ ދަތިވެފައެވެ. ގޮދަންފުށުގެ ސްޓޮކް ހުސްވެ, ބޭކަރީތައްވެސް ވަނީ ބަންދުކުރަންޖެހިފައެވެ.

"ހަނގުރާމް ފެށުނުފަހުން ޣައްޒާގެ ރައްޔިތުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އައީ އިންސާނީ އެހީގެ ގޮތުގައި ލިބޭ މަދު ތަކެތިން. މިހާރު އެހީ ވަނުން ހުއްޓުވާފައި އޮތުމުން އެމީހުންގެ ދިރިއުޅުން ވަނީ އިންތިހާއަށް ދަތިވެފައި" ޣައްޒާއިން އަލްޖަޒީރާގެ ހިންދު ކައުދަރީ ރިޕޯޓްކޮށްފައިވެއެވެ.

ހަމާސްއިން އެތައް ފަހަރެއްގެ މަތިން އެއްބަސްވުމުގެ ދެވަނަ މަރުހަލާގެ މަޝްވާރާތަކަށް ގޮވާލާފައި ވެއެވެ. ހަމާސްގެ މަސްދަރަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެޖަމާއަތުގެ ވަފުދު މިޞްރުގެ ވެރިރަށް ކައިރޯގައި މަޝްވާރާތައް ބޭއްވުމަށްފަހު މިހާރު ވަނީ ހަމާސްއާއެކު ބާއްވާ މަޝްވަރާތަކަށް ޤަތަރުގެ ވެރިރަށް ދޯހާއަށް ގޮސްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow