ފުރަތަމަ ހާފުގެ ދެ ގޯލާއެކު އާސެނަލްއިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މޮޅު
ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައި އަންގާރަ ދުވަހު އާސެނަލްއިން ޕީއެސްޖީއާ ދެކޮޅަށް ކުޅެ ކުރި ހޯދައިފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އާސެނަލް އިން ކާމިޔާބުކުރީ 0-2 ނެވެ. ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އާސެނަލްއިން އެޓްލާންޓާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރުވެފައެވެ.
ޕީއެސްޖީ ކޮޅަށް އާސެނަލްގެ ފުރަތަމަ ގޯލް 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ. އެއީ ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައެއް ބޮލުންޖަހާ ގޯލަށް ފޮނުވާލައިގެންނެވެ. ދެވަނަ ގޯލް އާސެނަލްއަށް އަށް ލިބުނު ހިލޭ ޖެހުމަކުން 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ.
ފުރަތަމަ ހާފުގައި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ އާސެނަލްއިން ނަމަވެސް ޕީއެސްޖީއަށް ވެސް ގޯލެއް ކާމިޔާބުކުރާނެ ދެތިން ފުރުޞަތެއް ލިބުނެވެ. އޭގެ ތެރޭގައި ފުރަތަމަ ހާފުގައި ނުނޯ މެންޑޭޒް އަދި ޖާއޮ ނެވެސް އަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.
ރިއެކްޝަންސް