
ޓޮޓްނަމް ބަލިކޮށް ލިވަޕޫލް ކަރަބޯކަޕް ފައިނަލަށް
ރޭ ކަރަބޯކަޕްގެ ސެމީ ފައިނަލްގައި 4-0 ން ޓޮޓްނަމް ބަލިކޮށް ލިވަޕޫލް ފައިނަލަށް ދަތުރުކޮށްފިއެވެ. މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޯށްގެ ކުޅުނު ލިވަޕޫލްއިން ޓޮޓްނަމް އަށް ރަނގަޅު ފުރުޞަތެއް ތަނަވަސްކުރާނެ ޖާގައެއްވެސް ނުދެއެވެ.
މެޗުގެ 34 ވަނަ މިނިޓްގައި ލިވަޕޫލްއަށް ލީޑު ފުޅާކޮށްދިނީ ކޯޑީ ގަޕްކޯއެވެ. 51 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ލީޑުފުޅާކޮށްދިން މުޙައްމަދު ޞަލާޙް ވަނީ ފުރަތަމަ ގޯލް ކާމިޔާބު ކުރުމުގައިވެސް އެހީތެރިވެފައެވެ.
ލިވަޕޫލްގެ ތިންވަނަ ގޯލް ކޮނޯ ބްރެޑްލީ ތަނަވަސްކޮށްދިން ފުރުޞަތުގައި ޑޮމިނިކް ޒޮބޮސްލައީ ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނިޓްގައެވެ. އެލެކްސިސް މެކް އެލިސްޓަރ ގެ އެހީތެރިކަމާއެކު ފަހު ގޯލް އޭގެ ފަސް މިނިޓް ފަހުން ކާމިޔާބުކުރީ ކެޕްޓަން ވާޖިލް ވެންޑައިކްއެވެ.
ނަމަވެސް އޭނާވަނީ މެޗުގައި ލިވަޕޫލްގެ އެންމެ ރަނގަޅު ކުޅުން ނުފެންނަ ކަމަށާއި އިތުރަށް ރަނގަޅުކުރެވޭނެ ކަމަށް ބުނެ މެޗުގެ ފަހުން ވާހަކަ ދައްކާފައެވެ.
"އަހަރެމެންނަށް އަދި މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ. އިދިކޮޅު ޓީމަށް މިއަށްވުރެވެސް ޕްރެޝާރު ބޮޑުކޮށްގެން ކުޅެވުނީސް. އަހަރެން ޓީމު ކުޅުންތެރިންގެ ގާތުގައިވެސް މިވާހަކަ ބުނިން. އެކަމަކު މިރޭގެ މޮޅަކީ ބޮޑު ކާމިޔާބީއެއް. ކާމިޔާބީ އާއެކު އަހަރެމެންގެ މިވަގުތުގެ ފޯކަސް އަކީ އެފްއޭ ކަޕް" ސްކައި ސްޕޯޓްސް އަށް ވެންޑައިކް ބުންޏެވެ.
ރޭގެ ނަތީޖާ އާއެކު މިސީޒަންގައި ލިވަޕޫލްއިން މައިގަނޑު ހަތަރު ތަށި ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ. ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރީގައި އެ ޓީމް އޮތީ 6 ޕޮއިންޓްގެ ލީޑެއްގައެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ އެންމެ ކުރިގައި އޮތްއިރު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރު އާދިއްތަ ދުވަހު ފެށޭނެއެވެ.
ރިއެކްޝަންސް






