އެއްގަމުއުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ފަށައިފި
ބޮޑުތަކުރުފާނުމަގާ ހުޅުމާލެ ބުރިޖާ ގުޅޭސަރަހައްދު: މާލޭގެ ޓްރެފިކު ބޮޑުވަނީ ދުއްވާ އެއްޗެހި ރަޖިސްޓްރީކޮށް ދިނުމުގައި އެއްވެސް ލިމިޓެއް ނޯންނާތީ.

އެއްގަމުއުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ފަށައިފި

3 months ago - 15:19
Jul 6, 2024 - 15:31
Advertisement

މާލޭސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނެ އަދަދާއި، އުޅަނދުތައް ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ އެމަސައްކަތް ކުރުމަށްޓަކައި ސާވޭއެއްކޮށް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށްޓަކައި އެސެސްމެންޓެއް ހަދަން ނިންމާފަ އެވެ. 

މާލެ ސިޓީ ކައުންސިލުން ވަނީ މި އެސެސްމަންޓް ހަދާދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައެވެ. އަދި އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18 ވަނަ ދުވަހާހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.

ސިޓީ ކައުންސިލުގެ އިޢުލާނުގައިވާ ގޮތުން، މިއެސެސްމެންޓް ހަދައިދިނުމުގެ ފުރުޞަތު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުނިތަކަށާއި، ޕާރޓްނަރޝިޕްތައް ނުވަތަ އަމިއްލަ ވިޔަފާރިތަކަްށް އޮންނާނެ އެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތަކީ ދައުލަތުގެ ޕްރޮކިއުމަންޓް ބީލަމަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް ވެސް މާލެ ސިޓީކައުންސިލުން ވިދާޅުވެ އެވެ.

Advertisement

މި އެސެސްމަންޓްގައި މާލެ ސިޓީގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ ޢަދަދާ އަދި އެކި ބާވަތުގެ އުޅަނދުތައް ވަކިން ކަނޑައަޅަންޖެހެ އެވެ. އަދި އުޅަނދެއް އެންމެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ މުއްދަތަކާއި، ވަކިވަކި ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ އަދަދަކާއި، ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ނަމުގައި ނުވަތަ ދަޢުލަތުގެ އިދާރާއެއްގެ ނަމުގައި، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ އަދަދު ވެސް ކަނޑައަޅަން ޖެހެ އެވެ.

އަދި މާލެ ސިޓީގެ އާބާދީއާއި، އެއްގަމު އުޅަނދުގެ އަދަދާއި، މާލޭގައި އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކާއި، ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑު މިންވެސް ހިމަނަންޖެހެއެވެ. މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރާއި، ދުއްވާ މަގުތަކާއި ލޭނުތަކާއި ޕާކުކުރާނެ ސަރަޙައްދު އިތުރުކުރެވެން އޮތް މިންވަރުފަދަ މުހިއްމު މަޢުލޫމާތުތައް ވެސް މިއެސެސްމަންޓްގައި ހިމަނަންޖެހެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް މިދިޔަ މާރޗްމަހުގައި ގެނައި އިސްލާޙްގައި ވަނީ ރަށްރަށާއި ސިޓީތައް ނުވަތަ ވަކި ސަރަޙައްދެއްގައި ބޭނުންކުރުމަށް، އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ ކައުންސިލްތަކުން އެސެސްމަންޓެއް ހަދާ ވެހިކަލް ކެޕޭސިޓީ ދެނަގަތުމަށްފަހުގައި ކަމަށެވެ. 

މި ޤަވާއިދުގައި ވެހިކަލް ކެޕޭސިޓީ 4 ކެޓަގަރީއަކަށް ވަނީ ބަހާލާފަ އެވެ. އެއީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަދުތަކާއި، އަމިއްލަ އުޅަނދުތަކާއި، ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކުގެ އިތުރަށް، ސިނާޢީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށެވެ. އަދި މި ކެޓަގަރީތައް ވަކި ސަބް-ކެޓަގަރީތަކަށް ބަހާލުމުގެ އިޚުތިޔާރު ކައުންސިލަތަކަށް ލިބިގެންވާ ކަމަށް ވެސް ވެ އެވެ.

ވަކި ކެޓަގަރީތަކަށް، ވެހިކަލްތަކުގެ އަދަދު ކަނޑައެޅި ނަމަވެސް، އޭގެ ތެރެއިން އަމިއްލަ އުޅަނދުތަކުގެ ތެރެއިން 2 ފުރޮޅުލީ އުޅަނދުތަކަށް ވެހިކަލް ކެޕޭސިޓީގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ 80 އިންސައްތަކަމަށް ވެސް މި އިސްލާޙްގައިވެ އެވެ.

 މާލޭ ސަރަހައްދުގައި ވެހިކަލްތަކާ ގުޅޭ އެސެސްމެންޓެއް ހަދަން ކައުންސިލުން ނިންމާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދުބާއީއަށް ކުރެއްވި ދަތުރުގައި، މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމައިފައިވާކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement