
ވިލުފުށި އެއަޕޯރޓްވެސް ދެ އަހަރު ބައިން ނިންމަނީ
މިއަދު ބިން ހިއްކަން ފަށާނެ
ތ.ވިލުފުށި އެއަޕޯރޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން މިއަދު ފަށާ, އެއަޕޯރޓް މަޝްރޫޢު ދެ އަހަރު ބައިން މުޅިން ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ވިލުފުށީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދުން ފެށިގެން 30 މަސްދުވަސް ތެރޭ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިމޭނޭ ކަމަށެވެ. ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަދު ފައްޓަވާނެކަން އެމަނިކުފާނު އިއުލާނުކުރެއްވީ ރޭގައެވެ. ވިލުފުށީގައި އެއަޕޯރޓް އަޅަނީ 1800 މީޓަރުގެ ރަންވޭއަކާ އެކު އެވެ. ވިލުފުށި އެއަޕޯރޓްކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެއަޕޯރޓްގެ އިތުރުން މިއަދު އަމަލީ މަސައްކަތް ފަށާ ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް ދޮޅު އަހަރުން ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވިލުފުށި ހޮސްޕިޓަލް އިމާރާތްކުރާނީ ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވިލިފުށީގެ ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ޙައްޤުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެވާނެކަމަށްވެސް ވިދާޅުވިއެވެ.
ރިއެކްޝަންސް






