މިޖުމްހޫރިއްޔާގެ ފުރަތަމަ ސޭފްޓީ މިނިސްޓަރ ޢަބްދުލް ހަންނާނު ޙަލީމް އަވަހާރަވެއްޖެ
ޢަބްދުލަ ހަންނާނު ޙަލީމް
މިޖުމްހޫރިއްޔާގެ ފުރަތަމަ ސޭފްޓީ މިނިސްޓަރ ޢަބްދުލް ހަންނާނު ޙަލީމް އަވަހާރަވެއްޖެ

މިޖުމްހޫރިއްޔާގެ ފުރަތަމަ ސޭފްޓީ މިނިސްޓަރ ޢަބްދުލް ހަންނާނު ޙަލީމް އަވަހާރަވެއްޖެ

ހަންނާނަކީ މިޖުމްހޫރިއްޔާ ފެށުނުއިރު 1968 ނޮވެމްބަރު 11 ގައި ހުވާ ކުރެއްވި ކެބިނެޓްގައި ހިމެނިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން މިހާތަނަށް ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާ

3 months ago - 20:47
Jun 20, 2024 - 18:31

ހިނގަމުންމިދާ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސޭފްޓީ މިނިސްޓަރު (އަމަންއާންމުގެ ވަޒީރު) ސުމުއްވުލް އަމީރު ޢަބްދުލް ޙަންނާނު ދޮށިމޭނާ ކިލެގެފާނު، ޢުމުރުފުޅުން 87 އަހަރުގައި މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަވަހާރަ ވެއްޖެ އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނުގެ ރައީސް ކަމުގެ ދެ ދައުރު (10 އަހަރު، 11 ނޮވެމްބރު 1968 ން 11 ނޮވެމްބަރު 1978 ށް ) ގައި ވެސް ސޭފްޓީ މިނިސްޓަރުކަން  ކުރެއްވި، ބާރުގަދަ ވަޒީރު މިއަދު އަވަހާރަވީ މުސްކުޅިފުޅު ބަލީގައެވެ. އެމަނިކުފާނަކީ 11 ނޮވެމްބަރު 1968 ގައި އެކުލަވާލެއްވި މިޖުމްހޫރިއްޔާގެ ފުތަމަ ކެބިނެޓް ވަޒީރުންގެތެރެއިން މިހާތަނަށް ދުނިޔޭގައި ހުންނެވި ހަމައެަކަނި ބޭފުޅާ އެވެ. މީގެ އިތުރުން އެމަނިކުފާނަކީ "ސުމުއްވުލްއަމީރު ކިލެގެ" ކަމަށް ކޮލިލެވުނު ބޭފުޅުންގެތެރެއިން ވެސް މިހާތަނަށް ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.

ޢަބްދުލްހަންނާނަކީ 1968 ގައި އުފެދުނު މިޖުމްހޫރިއްޔާގެ ފުރަތަމަ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ވެސް ކުރެއްވި ބޭފުކެވެ. އަދި އެމަނިކުފާނު ވަނީ ދާޚިލީ ވުޒާރާގެ އިސް މަގާމެއްގައި ހުންނަވައި، އަމިއްލަފުޅަށް ސިފައިންގެ ޚިދުމަތަށް ވަދެވަޑައިގެންނެވި އެވެ. އެގޮތުން އެަމނިކުފާނު ސިފައިންގެ ވަޒީފާގައި ފުރަތަމަ ވެސް އަދާކުރެއްވީ އޮފިސަރެއްގެ ފެންވަރުގެ މަގާމެކެވެ.

ސުމުއްވުލް އަމީރު ޢަބްދުލް ހަންނާނު ޙަލީމް ދޮށިމޭނާކިލެގެފާނަކީ، މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްޕުޅުން ވެސް ސައްޔިދު ބޭފުޅެކެވެ. އެމަނިކުފާނަކީ އަލްއަމީރު އައްސައްޔިދު މޫސާފާމުލަކިލެގެފާނު (ސައްޔިދު ކިލެގެފާނު) ގެ މުނިކާފަ ދަރިކަލެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ބޭފުޅެކެވެ. އެހެން ކަމުން އެމަނިކުފާނަކީ އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ހޫރުކާފަ (ހޫރުމާފަ) ދަރިކަލެކެވެ. ނޫމަރާގަނޑުވަރު ގޮމާގެ މުނިމާމަ ދަރިކަލެކެވެ. ޢާއިލީ ގުޅުން ދަމަހައްޓަވަމުން ގެންދަވާ، ސުމުއްވުލްއަމީރު ޢަބްދުލް ހަންނާނު ޙަލީމް ދޮށިމޭނާކިލެގެ ފާނަކީ ހުރަވީ ރަސްދަރިކޮޅާއި ދިޔަމިގިލީ ރަސްދަރިކޮޅާއި  މަތީދަރިކޮޅުތަކުގެ ބޭފުޅެކެވެ. 

ޢަބްދުލް ހަންނާނު އަވަހާރަ ވުމާއި ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވި އެވެ.

އަމީރު ޢަބްދުލް ހަންނާނުގެ ކަށުނަމާދު އޮންނާނީ މިރޭ ޢިޝާނަމާދަށް ފަހު ހުޅުމާލޭ ސަހަރާމިސްކިތުގަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow