ސިޔާސީ 6 ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފި
އެންމެ ގިނަ ފައިސާ ލިބުނީ އިދިކޮޅު މައިޕާޓީ އެމްޑީޕީއަށް: 15.1 މިލިއަންރުފިޔާ
ސިޔާސީ 6 ޕާޓީތަކަށް މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޫކުރީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ 6 ޕާޓީއަށް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.
އީސީއިން ވިދާޅުވީ، މިދިޔަ މެއި މަހު ފައިސާ ދޫކުރި ސިޔާސީ 6 ޕާޓީއަކީ އިދުކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.
ޕާތީތަކަށް އީސީން ފައިސާދޫކުރި އިރު އެންމެ ގިނަ ފައިސާ ލިބުނީ އިދިކޮޅު މައިޕާޓީ އެމްޑީޕީ އަށެވެ. އެއީ 15.1 މިލިއަން ރުފިޔާ އެވެ. ދެވާނައަށް އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއަށެވެ. އެއީ 10.4 މިލިއަން ރުފިޔާ އެވެ. ވެރިކަންކުރާ މައި ޕާޓީ ޕީއެންސީ އަށް ލިބުނީ 8 މިލިއަން ރުފިޔާ އެވެ. މީގެއިތުރުން ދެން ފައިސާ ލިބުނީ ޖުމްހޫރީ ޕާޓީއަށެވެ. އެއީ 5.3 މިލިއަން ރުފިޔާ އެވެ. އަދާލަތު ޕާޓީއަށް ލިބުނީ 2.5 މިލިއަން ރުފިޔާ އެވެ. އަދި އެމްޑީއޭ އަށް ލިބުނީ 2.4 މިލިއަންރުފިޔާ އެވެ.
މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އިރު، 10،000 މެންބަރުން ހަމަވާ ސިޔާސީ 6 ޕާޓީ އޮތްނަމަވެސް، މިދިޔަ އަހަރު ނިމުނު އިރު، 10،000 މެންބަރުން ހަމަވަނީ އެންމެ ހަތަރު ޕާޓީއެއްގަ އެވެ. އަހަރު ނިމުނު އިރު 10،000 އަށް ވުރެ މެންބަރުންގެ އަދަދު މަދުވެފައި ވަނީ އެމްޑީއޭއާއި އަދާލަތު ޕާޓީގަ އެވެ. ނަމަވެސް އެ ދެޕާޓީއަށް ވެސް މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައެޅި، ބަޖެޓުގެ %0.01 ފައިސާއަށްވާ 44 މިލިއަން ރުފިޔާ ބެހި އިރު، އެދެޕާޓީއަށް ވެސް 4.9 މިލިއަން ރުފިޔާ މިދިޔަ މެއި މަހު ދޫކޮށްފައިވާ ކަމަށް، އިލެކްޝަން ކޮމިޝަނުން ވިދާޅުވި އެވެ.
ރިއެކްޝަންސް