
ރައީސް މައުމޫނުގެ އަތުލިޔުމަށް ބިނާކޮށް ފޮންޓެއް ތައްޔާރުކޮށް، މިމަހު 22 ގައި ނެރެނީ
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމުގެ އަތުލިޔުމަށް ބިނާކޮށް "މައުމޫން" ގެ ނަމުގައި ފޮންޓެއް ތައްޔާރުކޮށް މިމަހުގެ 22 ވާ ހޮނިހިރު ދުވަހު ނެރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މައުމޫން ފައުޑޭޝަނުން އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
މައުމޫނު ފައުޑޭޝަނުން ބުނީ މި ފޮންޓު ދައްކައިލުމަށް ޚާއްޞަ މައުރަޒެއް މިމަހުގެ 22 ވަނަ ދުވަހު މާލޭ އާޓް ގެލަރީގައި ބާއްވާނެ ކަމަށެވެ.މި ފޮންޓު ފަރުމާކޮށްފައިވަނީ ދިވެހި ފޮންޓުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރާ " އަކުރު ޓައިޕް" އިންނެވެ.
މި ފޮންޓުވެގެންދާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއްގެ އަތުލިޔުމަށް ބިނާކޮށް ތައްޔާރުކުރެވޭ ފުރަތަމަ ފޮންޓެވެ.
ރައީސް މައުމޫނަކީ ދިވެހި އަދި ޢަރަބި ބަހުން ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އަތުލިޔުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ބަޔަކަށް ފެނިފައިވާ ޗާލު ލިޔުމެކެވެ. އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ލިޔެފައި ހުރި ބައެއް ލިޔުންތަކަކީވެސް އެމަނިކުފާނުގެ އަތްޕުޅުން ކުރައްސަވާފައިވާ ލިޔުންތަކެކެވެ.
މީގެ އިތުރުންވެސް އެމަނިކުފާނުގެ ވެރިކަމުގައި ބިނާކުރެވުނު ބޮޑަތި ބައެއް މިސްކތްތަކުގައިވެސް އެމަނިކުފާނުގެ އަތުލިޔުމުން ކުރައްސަވާފައިވާ ބައެއް ލިޔުންތައް ބެހެއްޓިފައި ވެއެވެ.
މި ފޮންޓު ނެރުމަކީ ރައީސް މައުމޫނުގެ އަތުލިޔުމުގެ ތަރިކަ ދަމަހައްޓައި، އާ ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް






