
ރަމަޟާން މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދަށް މާދަމާ ބަހަށް ފަށަނީ
ރަމަޟާން މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ބެހުން މާދަމާއިން ފެށިގެން މާލެ ސަރަޙައްދުގައި ކުރިއަށް ދާނެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މަސްދަޅު ކޭސް ބަހާނީ މާދަމާއިން ފެށިގެން 28 ފެބުރުވަރީގެ ނިޔަލަށް ކަމަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މަސްދަޅު ކޭސް ބެހުން ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މަސްދަޅު ކޭސް ބަހާނީ ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައި ވަނީ:
- މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭބައި
- މިފްކޯގެ އޮފީހުގެ ގްރައުންޑް ފްލޯ
- ވިލިމާލެ ސޯޝަލް ސެންޓަރ
- ހުޅުމާލެ ފޭސް1ގެ ޢުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް2 ގެ ހިޔާ ފްލެޓްގެ 10 ވަނަ ފްލެޓްގައި ހުންނަ ޔޫތު ސެންޓަރ
ކޮންމެ ބޭފުޅަކުވެސް މަސްދަޅު ކޭސް ބަލާ ވަޑައިގަންނަވާއިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު 3 މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ލިޔުމަކާއި އަދި ބަލާ ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ ކާޑް ގެންނެވުމަށް ކައުންސިލުން ވަނީ އެދިފައެވެ. މަސްދަޅު ކޭސް ދޫކުރަނީ ހަމައެކަނި ދިވެހިންނަށެވެ.
ކޮންމެ ގޭބީސީއަކަށް 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހުގެ ރެއެވެ.
ރިއެކްޝަންސް






