ގައުމީ ޤުރުއާން މުބާރާތުގެ ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ: ނާއިބު ރައީސް
ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރޭ
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އަހަރަކަށް ވުރެ އަހަރެއް ހަރުދަނާ ކުރުމާއި ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހައިބަތާއި ޝަރަފް އިތުރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން, ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގެ ގައުމީ ފެންވަރުގައި ބާއްވާ ކީރިތި ގުރުއާނުގެ އެންމެ ބޮޑު ދަރުބާރުކަމަށާއި އެހެންކަމުން މި މުބާރާތުގެ ހައިބަތާއި ޝަރަފް އިތުރު ކުރުމަށް ވެސް ސަރުކާރުން ޚާއްޞަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ، މި މުބާރާތް މުޅި ރާއްޖޭގައި ތަމްސީލު ކުރުން އިތުރުކުރުމާއި މުބާރާތަށް ދެވޭ އިނާމް އިތުރު ކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހައިބަތާއި ޝަރަފް އިތުރުކުރައްވާނެ ކަމަށެވެ. އަދި މުބާރާތް ބޭއްވުމުގެ ފެންވަރުވެސް ރަނގަޅު ކުރައްވާނެ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވެގެން މިވީ 7 މަސް ދުވަހުގެ ތެރޭގައި އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަމާއި އަހަމިއްޔަތުކަން އިތުރުކުރައްވާފައިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މިފަހަރުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މިއަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 ބައިވެރިން ވާދަކުރެއެވެ.
މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށްދާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލްގައެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންކަމަށާއި އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެކަމަށް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަދި ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑުކަމަށްެސް އެ މަރުކަޒުން ވިދާޅުވެއެވެ.
ރިއެކްޝަންސް