ގައުމުގައި ހުޅުޖެހި ބަޔަކު މަޖިލީހަށް ހޮވަން ރައްޔިތުން ބޭނުމެއް ނުވޭ: އަބްދުއްރަހީމް
ގައުމުގެ މުއައްސަސާތަކުގައި ހުޅުޖެހުމުގެ އަޑީގައި ތިބި މީހުން ރައްޔިތުންގެ މަޖިލީހަށް ހޮވަން ރައްޔިތުން ބޭނުންނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލަހީމް، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއާންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކުގައި ހުޅުޖަހައި ރައްޔިތުންގެ ވަރިކައިވެނި ސެޓްފިކެޓްތަކާއި، ގޯތީގެ ރަޖިސްޓްރީފަދަ އަގުހުރި ލިޔެކިޔުންތައް އަންދާލުމުގެ އަޑީގައި ހުރި މޭސްތިރިން މަޖިލީހަށް ހޮވަން ރައްޔިތުން ބޭނުން ނުވާނެ ކަަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން 8 ފެބްރުއަރީ 2012 ގައި އެމްޑީޕީން މުޅި ރާއްޖޭގައި ހިންގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، "ވަރިކައިވެނި ސެޓްފިކެޓްތައް ވިޔަސް ގޯތީގެ ރަޖިސްޓްރީވިޔަސް އަންދާލުމުގެ އެންމެ އަޑީގައި ހުރި މޭސްތިރިއަކު މަޖިލީހަށް ވައްދާކަށް ތިބޭފުޅުން ބޭނުމެއް ނުވާނެ. އެހެންވީމަ މި ދަންނަވަނީ މާޒީން އިބުރަތް ލިބިގަނެ މާދަމާ ބިނާކުރުމަށް ތިބެފުޅުން ހޮވާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އަހުމަދު ސައީދު" ކަމަށެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބާރުދުވެލީގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންކަމުން މިވަގުތު މަޖިލީހަށް ބޭނުންވަނީ ސަރުކާރާ ގުޅިގެން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ މެންބަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެފަދަ ކަމަކަށް މަޖިލީހުގެ ތެރެއިން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި އެއީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން ފެންނަ "ނަނާ ހުވަފެނެއް" ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ މޭޔަރު އަބްދުއްލަހީމް ސޯދިގު (ސޯބެ) އެވެ. މި އިންތިޚާބަކީ އެ ދާއިރާގެ ތަމްސީލުކުރުމަށް ރައްޔިތުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އިންތިޚާބެކެވެ.
ރިއެކްޝަންސް

