ގައުމު ކުރިއަރައިދާނީ ކޮރަޕްޝަން ނައްތާލައިގެން، މާޒީގައި ވަކި ބަޔަކު ވަނީ ނުހައްގުން މުއްސަނދިކަން ހޯދާފައި: މެންބަރު އިއްބެ
ކޮރަޕްޝަނުގެ ސަބަބުން ނުހައްގު މުއްސަނދިކަން ހޯދައި، ރައްޔިތުންނަށް ލިބެންޖެހޭ މަންފާތައް ވަކި ބައެއްގެ މެދުގައި ބެހިގެންދިޔަ މަންޒަރު މާޒީގައި ވަނީ ފެނިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ، ނުހައްގުން މުދާ ހޯދުމާއި އެފަދަ މުދާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސް މަރުހަލާގައެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ، ކުށްކޮށްގެން މުދަލާއި ފައިސާ ހޯދުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ހަގީގީ ކުރިއެރުން ބިނާވެފައިވަނީ ކޮރަޕްޝަން ނައްތާލުމުގެ މައްޗަށް ކަމަށް މި ސަރުކާރުން ގަބޫލުކުރާ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމުގެ ސީދާ ފައިދާ ކުރާނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ކަމަށްވެސް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.
"އޭގެ އެއް މިސާލަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެތައް ހާސް މިލިއަން ރުފިޔާއެއް ގެއްލިގެން ދިޔުން. ގައުމެއްގެ ގޮތުގައި ކުރިއަރައި ދެވޭނީ އެ ގައުމަކުން ކޮރަޕްޝަން ނައްތާލެވިގެން" މެންބަރު އިއްބެ ވިދާޅުވިއެވެ.
މީގެއިތުރުން، މެންބަރު އިއްބެ ވިދާޅުވީ، ދިވެހިރާއްޖެއަކީ މުއްސަނދި ގައުމެއް ނަމަވެސް ގައުމުގެ ތަރައްގީއަށް ހުރަސްއެޅިފައިވަނީ ވަކި ބަޔަކު ނާޖާއިޒު މަންފާ ހޯދަމުންދާތީ ކަމަށެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ޑިޖިޓަލް ކަރެންސީ ތައާރަފްކޮށް، ޑިޖިޓަލް ކަރެންސީ ބޭނުންކުރަން ފެށުމުން މާލީ މުއާމަލާތްތަކުގެ ދެފުށް ފެންނަން ހުންނާނެ ކަމެއްކަމަށްވެސް މެބަރުގެ އިއްބެގެ ވާހަކަފުޅުގަި ފާހަގަކުރައްވާފައި ވެއެވެ.
ރިއެކްޝަންސް

