ދައުލަތުގެ ރަށްތައް ވަކި ބައެއްގެ ތަރިކަ މުދަލަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ: މެންބަރު އިއްބެ

ދައުލަތުގެ ރަށްތައް ވަކި ބައެއްގެ ތަރިކަ މުދަލަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ: މެންބަރު އިއްބެ

1 day ago - 00:03
Aug 6, 2026 - 00:03

ދައުލަތުގެ ރަށްތަކާއި ފަޅުތަކަކީ ރައްޔިތުންގެ ހަރުމުދާ ކަމަށްވާއިރު، އެ ތަންތަން ކުއްޔަށް ދޫކުރުމުގައި ވަކި ފަރާތްތަކަށް މަންފާވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

މެންބަރު އިއްބެ މިހެން ވިދާޅުވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި، ފަޅު ރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މެންބަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ ރަށްތަކެއް އެކި ފަރާތްތަކަށް ދޫކޮށްފައިވީ ނަމަވެސް، އޭގެ ސީދާ ފައިދާ ރައްޔިތުންނަށާއި ސަރުކާރަށް ލިބެމުން ނުދާކަމަށެވެ. މިސާލެއްގެ ގޮތުން ޕެރެޑައިޒް ވިލާ ކުންފުނީގެ މައްސަލަ ފާހަގަކުރައްވަމުން އިއްބެ ވިދާޅުވީ، ބައެއް ރަށްތަކަކީ ދައުލަތަށްވުރެ ބޮޑަށް ވަކި ބޭފުޅުންގެ ތަރިކަ މުދަލުގެ ގޮތުގައި ބެލެވޭ ތަންތަނަށް ވެފައިވާ ކަމަށެވެ.

"މިސާލަކަށް 5 މިލިއަން ޑޮލަރު ލިބޭއިރު އޭގެއިން 1 ލައްކަ ނުވަތަ 1 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައި، ބާކީ 4 މިލިއަން ޑޮލަރު ވަކި ބަޔަކަށް ނުވަތަ ވަކި އާއިލާއަކަށް ލިބޭ. އޭގެ ފައިދާ ދައުލަތަށާއި ރައްޔިތުންނަށް ނުކުރޭ. އެހެންކަމުން މިފަދަ ކަންކަން މި ބިލުން އިސްލާހުވާންޖެހޭ " އިއްބެ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުވައްމުލައް ސިޓީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، ފުވައްމުލަކަކީ އިގްތިޞާދީ ވަޞީލަތްތައް މަދު، އަދި ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށެވެ. އަދި ރަށުގެ ވަށައިގެން ރާޅު އަރާ، މޫދަށް އެރޭނެ ފަދަ ތަނެއް ނެތުމުން، ފުވައްމުލަކު ސިޓީ ކައުންސިލަށް މަންފާ ލިބޭނެ ގޮތަށް ރާއްޖޭގެ އެހެން ސަރަހައްދަކުން ރަށެއް ލިބުމަކީ މުހިއްމު ކަމެއް ކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ. މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިސްނުންތެރި ހައްލެއް ހޯއްދަވައިދެއްވުމަށްވެސް މެންބަރު އިއްބެ އެދިވަޑައިގަތެވެ. 

އަދި ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުމަށްޓަކައި، ހުސްކޮށް ހުރި ރަށްތައް ތަރައްގީކުރުމުގައި އައު ނިޒާމުތަކެއް ގާއިމްކުރުން މުހިއްމުކަމެއް ކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ. އަދި ވަކިން ހާއްސަކޮށް ހުވަދު އަތޮޅުގައި ހުރި ބޮޑެތި ރަށްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭކަން ފާހަގަކުރައްވައި، ތަރައްގީ ނުވާ ސަރަހައްދުތަކުގައި 'ޓެކްސް ފްރީ ޒޯން' ތައް ގާއިމްކޮށް، އިންސެންޓިވްތައް ދީގެން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މެންބަރު އިއްބެ ގޮވާލެއްވިއެވެ. 

ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވިޔަސް، ހުރި ވަޞީލަތްތަކުން ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބޭނެ ހަރުދަނާ ނިޒާމެއް ގާނޫނުގެ ތެރެއިން ބައްޓަންކުރުމުގެ މުހިއްމުކަމެއް ކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow