ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ވައިގަދަވާނެކަމަށް ލަފާކޮށްފި
މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު މިދުވަސްވަރު ވަނީ ވަރަށް ބޮޑުވެފައެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރާ މިންވަރަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ހަމައެހެންމެ، ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.
ރާއްޖޭގެ ސަރަޙައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެ، މޫސުން ގޯސްވާނެތީ، ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިއެކްޝަންސް





