ސިއްހީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާއަށް ކުރާ ހޭދަ ސަރުކާރުން އިތުރުކޮށްފި
ރާއްޖެއިން ބޭރަށް ގޮސް ސިއްހީ ޚިދުމަތް ހޯދުމުގެ ބަދަލުގައި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބޭނެކަން ކަށަވަރުކޮށްދިނުމަށްޓަކައި ޕްރައިވެޓް ސެކްޓާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށްފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ފަލާހު ސުވާލުކުރެއްވީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ މީހުންގެ އަދަދު މަދުކޮށް، ރާއްޖޭގައި ތިބެގެން ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ކަށަވަރުކުރުމަށްޓަކައި، ޕްރައިވެޓް ސެކްޓާ ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާ ކަމަށާއި، ނަމަވެސް ސަރުކާރުގެ މައިގަނޑު އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ތަކްލީފު ކުޑަގޮތަކަށް ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ހަރުދަނާކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުވެފައިވާކަން ފާއިތުވީ ތިން އަހަރުގެ ތަފާސްހިސާބުތަކުން ވަޒީރު ހާމަކުރެއްވިއެވެ.
"ފާއިތުވީ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު ރާއްޖެއިން ބޭރަށް ކުރި ހޭދަ، އަދި ޕްރައިވެޓް ސެކްޓާއަށް ކުރި ހޭދަ 2024 ވަނަ އަހަރަށް ވުރެ ކުޑަ. 2024 ވަނަ އަހަރު މި ހޭދަ ވަނީ 403,000,000 (ހަތަރު ސަތޭކަ ތިން މިލިއަން) ރުފިޔާއަށް އަރާފައި. ޕްރައިވެޓް ސެކްޓާއަށް ކުރާ ހޭދައިގެ ނަތީޖާ ފެންނަނީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ތިބެގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވުމުން،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގައި އަލަށް ގާއިމުކުރެވޭ ހޮސްޕިޓަލްތަކުގައި، ދިވެހިން އާންމުކޮށް ރާއްޖެއިން ބޭރަށް ގޮސް ހޯދާ މުހިންމު ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ހޯދޭ ފެންވަރަށް ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމާއި، ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމުމާއި، އަދި މާލެއާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ޒަމާނީ ކުރުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއިން ބޭރުން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ކުރެވެނީ އިންޑިއާ، ޝްރީލަންކާ، ތައިލެންޑް އަދި ޔޫ.އޭ.އީ އިންނެވެ. އަދި އާސަންދަ ކުންފުނިން މިހާރު ވަނީ ރާއްޖެއިން ބޭރުގެ 63 ހޮސްޕިޓަލަކާއެކު ބޭސްފަރުވާގެ އެއްބަސްވުންތައް ގާއިމުކޮށްފައެވެ.
ރިއެކްޝަންސް





