ވިއްސާރައާއި ގުޅިގެން  ޑެންގީ އިތުރުވާތީ އެޗްޕީއޭއިން ސަމާލުވާން އިލްތިމާސްކޮށްފި
ފޮޓޯ: ސަން އޮންލައިން

ވިއްސާރައާއި ގުޅިގެން ޑެންގީ އިތުރުވާތީ އެޗްޕީއޭއިން ސަމާލުވާން އިލްތިމާސްކޮށްފި

1 hour ago - 15:48
Apr 17, 2026 - 15:48
Advertisement
Advertisement

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވެދާނެ ކަމަށް ލަފާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.


އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު މިދުވަސްވަރު ވަނީ އިތުރުވާން ފަށާފައެވެ. އަދި ކުރިއަށް އޮތް މަސްތަކަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ޑެންގީގެ އިތުރުން ޗިކުންގުންޔާ ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް އެ އެޖެންސީން ލަފާކުރެއެވެ.


މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ވަނީ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ހާއްސަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ކުރުމުގެ އިތުރުން، ބަލިޖެހޭ މީހުންގެ ތަފްސީލު ގަވައިދުން ރިޕޯޓުކުރުމަށް ވަނީ އަންގާފައެވެ.


މީގެއިތުރުން، ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން ޑެންގީ ކޮންޓްރޯލްކުރުމަށް ޓާސްކްފޯހެއް އެކުލަވާލުމަށާއި، ރަށް ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގައި އާންމުން ހޭލުންތެރިކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. ހާއްސަ ގޮތެއްގައި ސްކޫލުތަކަކީ ކުޑަކުދިން ގިނަ ވަގުތު ހޭދަކުރާ ތަނަކަށް ވުމާއެކު، ހަފްތާއަކު އެއްފަހަރު ސްކޫލު ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.


އަމިއްލަ ފަރުދުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލަމުން އެޗްޕީއޭއިން ބުނީ، މަދިރި ހެފުމުން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި ފަތިސްގަޑިއާއި އިރުއޮއްސޭ ވަގުތަކީ މަދިރި އެންމެ ގިނައިން އުޅޭ ވަގުތުތަކަށް ވާތީ، އެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.


ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުމުގެ އިތުރުން ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ބަލި ނުރައްކާތެރި ދަރަޖައަކަށް ގޮސް ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު އޮންނާތީ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކުން ނަސޭހަތްތެރިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement