ފުރަތަމަ ފަހަރަށް އުމްރާވެރިން އައްޑޫން ސީދާ މައްކާއަށް
އުމްރާގެ އަޅުކަމަށް ރާއްޖެއިން މީހުން އުފުލުމުގައި މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް ބޮޑު ބަދަލެއް ގެނެސް، ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ވެސް، މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނޫން އެހެން އެއާޕޯޓަކުން އުމްރާވެރިން ގޮވައިގެން ސީދާ ސައޫދީއަށް ކުރާ ފުރަތަމަ ދަތުރެވެ. މި ތާރީޚީ ދަތުރު ރާވާފައިވަނީ އުމްރާއަށް މީހުން ގެންގޮސްދޭ މަޝްހޫރު އެޖެންސީއެއް ކަމަށްވާ "ދި ޓްރެވެލާސް" އާއި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ގުޅިގެންނެވެ.
މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ އަޅުކަމަށް ދިއުމުގައި ލުއިފަސޭހަ މަގަކަށް ހޯދައިދިނުމެވެ. ދި ޓްރެވެލާސްއިން ބުނި ގޮތުގައި، ގަނުން ސީދާ ޖިއްދާއަށް ދަތުރުކުރުމުން ދަތުރުގެ ވަގުތު ކުރުވެ، މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ދަތުރުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރާ ވައިޑްބޮޑީ އެއާބަސް އޭ330 މަރުކާގެ ބޯޓެވެ. މިއީ އެއްފަހަރާ 264 މީހުންނަށް ދަތުރުކުރެވޭ ފެންވަރުގެ ބޮޑު ބޯޓެކެވެ.
މި ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބުކިން ހެއްދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ދި ޓްރެވެލާސްއިން ވަނީ ބުނެފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ އެއާޕޯޓުތައް ތަރައްޤީކޮށް، ސީދާ ބޭރު ގައުމުތަކާ ގުޅުވައިދިނުމަށް ގެންގުޅުއްވާ ސިޔާސަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





