ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ގިނަ ގޮނޑި ވެރިކަންކުރާ ޕީއެންސީން  އަށް!

ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ގިނަ ގޮނޑި ވެރިކަންކުރާ ޕީއެންސީން އަށް!

2 hours ago - 12:52

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް، ހުރިހާ ދާއިރާތަކެއްގެ ނަތީޖާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.


ދާއިމީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބުގައި ޖުމްލަ 1346 ކެންޑިޑޭޓުން އިންތިޚާބުކޮށްފައިވާއިރު، ކޮންގްރެސް ޕާޓީން ވަނީ 581 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 562 ގޮނޑިއެވެ. އެހެންކަމުން، 21 ގޮނޑީގެ ފަރަގުން އިންތިޚާބުގެ ކުރި ހޯދީ ކޮންގްރެސް ޕާޓީންނެވެ.


އިންތިޚާބުގެ އެހެން ނަތީޖާތަކަށް ބަލާއިރު، އަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކުރިއެވެ. މީގެ އިތުރުން އެމްޑީއޭއަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް 6 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 4 ގޮނޑި އަދި ދަ ޑިމޮކްރެޓްސްއަށް 2 ގޮނޑި ލިބިފައިވެއެވެ.


ނަތީޖާގެ ތަފްސީލަށް ބަލާއިރު، ސިޓީތައް ފިޔަވައި އެހެން ހުރިހާ ދާއިރާތަކަކުން ކުރި ހޯދާފައިވަނީ ކޮންގްރެސް ޕާޓީންނެވެ. އެގޮތުން ކައުންސިލް ރައީސުންގެ 75 ގޮނޑި އެ ޕާޓީން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 73 ގޮނޑިއެވެ. ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްޞަ ގޮނޑިތަކުގެ ތެރެއިން 101 ގޮނޑި ކޮންގްރެސްއަށް ލިބުނުއިރު، އެމްޑީޕީއަށް ލިބުނީ 87 ގޮނޑިއެވެ. އަދި ކައުންސިލް މެންބަރުކަމުގެ 99 ގޮނޑި ކޮންގްރެސްއިން ހޯދިއިރު، އެމްޑީޕީއަށް ލިބިފައިވަނީ 82 ގޮނޑިއެވެ.


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ބަލާއިރު، ކޮމެޓީތަކުގެ ރައީސާއިންގެ 83 ގޮނޑި ކޮންގްރެސްއިން ކާމިޔާބުކުރިއެވެ. އެމްޑީޕީއަށް ލިބުނީ 60 ގޮނޑިއެވެ. އަދި ކޮމެޓީ މެންބަރުންގެ ގޮތުގައި ކޮންގްރެސްގެ 214 ކެންޑިޑޭޓުން އިންތިޚާބުވިއިރު، އެމްޑީޕީއަށް ލިބުނީ 167 ގޮނޑިއެވެ.


ނަމަވެސް، ސިޓީތަކުގެ ނަތީޖާއަށް ބަލާއިރު ކުރި ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ހޯދިއިރު، ކޮންގްރެސްއަށް ލިބުނީ 5 ގޮނޑިއެވެ. ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ 42 ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ކޮންގްރެސްއަށް ލިބުނީ 4 ގޮނޑިއެވެ.
ބައެއް ރަށްރަށުގެ ގޮނޑިތަކަށް ވާދަކުރި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، ތިން ހަތަރު ރަށެއްގައި ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. މި ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow