އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެފައި ބެހެއްޓި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން އެންމެ 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ 'އަޕާ ނޯތު ޕޮލިސް' ރީޖަންގައި ހިމެނޭ ރަށެއްގައި މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:10 އެހާކަންހާއިރު ކަމަށެވެ. މި މައްސަލައަކީ ކުޑަަކުއްޖަކަށް ކުރި އިހާނެތި އަަމަލަކަށްވާތީ، ފުލުހުން ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
މި ހާދިސާ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުޑަ އަންހެން ކުއްޖާ ހުރީ ގަހެއްގައި ބަނދެފައެވެ. އަދި އަމިއްލައަށް ސަލާމަތްވުމަށް އެ ކުއްޖާ ގަދައަޅައި މަސައްކަތް ކުރަމުންދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ. މި އަމަލަކީ ކުއްޖާގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވަނީ އަޅަން ފަށާފައެވެ. އަދި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކަކީ ދިވެހި މުޖުތަމައު ބަލައިގަންނަ ކަންކަމެއް ނޫނެވެ. އަދި މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ ދައުލަތުގެ އިދާރާތަކުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ރިއެކްޝަންސް





